މި ކޯލިޝަން ދަމަހައްޓަން އަޅުގަނޑުމެން ބޭނުންވޭ: ރައީސް މައުމޫން

ހަތަރު ޕާޓީއާއެކު ހަދާފައިވާ ކޯލިޝަން ދެމެހެއްޓުމަށް ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމަންޓް އޮފީހުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަކީ ގައުމުގެ މަސްލަހަތު އެކަމުގެ ތެރޭގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ އިއްތިހާދެއް، ކޯލިޝަނެއް. ހަތަރު ޕާޓީ ގުޅިގެން މި މަސައްކަތް ކުރަނީ. އެހެންވީމާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސްކަމާ ހަވާލުވެވަޑައިގެން ވެސް މަސައްކަތް ކުރިއަށްދާނީ އަޅުގަނޑުމެންގެ ހަތަރު ޕާޓީގެ މެދުގައި ވަރަށް އިހުލާސްތެރިކަމާއި ވަރަށް ސަރީހަ ކަމާއެކީގައި ވާހަކަ ދެކެވި އެންމެން އެއްބަސްވާ ގޮތުގައި މަތިން. އަޅުގަނޑުމެން ބޭނުންވޭ މި ކޯލިޝަން ދަމަހައްޓަން. ކޯލިޝަން ދެމެހެއްޓުމަކީ ގައުމުގެ މަސްލަހަތު އެކަމުގެ ތެރޭގައި އެކުލެވިގެންވާ ކަމެއް. އަޅުގަނޑުމެންނަށް އެނގޭ ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްކަން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ހެދުނު ގޯސްތައް ތަކުރާރުކުރަން ބެނުންނުވާ ކަމަށާއި ވޭތުވެދިޔަ ތަނުގައި ވަރަށް ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުރިހާ ކަމެއް ސިޔާސީ ވެގެންދިއުމާއި، މީހެއްގެ ފިކުރަށް ނިސްބަތްކޮށް އެމީހަކު ކުށްވެރިކުރުމާއި، ޝަރީއަތުގެ ކަންތައްތައް ވެސް ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ގަދަ ބާރުން ގެންދިއުމާއި، މީސްމީހުން ކުށެއްނެތި ޖަލަށް ލުމާއި، މީހުންގެ ހައްގުތަކަށް އަރައިގަތުމާއި، ގާނޫނުއަސާސީއަށް އިހުތިރާމް ކުޑަކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުން ހިމެނޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ހިނގާފައި. އަދި ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި، ކޮރަޕްޝަނާއި ފަސާދައިގެ ކަންތައް އިންތިހާއަށް ބޮޑުވުމާއި، މިހުރިހާ ކަންކަމަކީ ރައްޔިތުން އެކަމާ ވަރަށް ކަންބޮޑުވާ ކަންކަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ މިއިން އެއްވެސް ކަމެއް ތަކުރާރުވާކަށް. ދިވެހި ރައްޔިތުން ބޭނުންވަނީ އަމާންކަމާއި އޮމާންކަމާއި އުފަލާއެކު ދިރިއުޅެން. އެއްވެސް ބިރެއް ނެތި އަމާންކަމާއެކު ދިރިއުޅެން. މިހާރު މިތިބެނީ ބިރުން. ކޮންމެ ކަމެއް، ކޮންމެ އިރަކުވެސް ވެދާނެ. ކޮންމެ މީހަކު ޖަލަށް ވެސް ގެންގޮސްފާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ޖުލު ހުކުމެއްގައި ހުންނަވަނިކޮށް، ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރުމަށް ހައިކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު ރައީސް މައުމޫން މިނިވަންކޮށްފައެވެ. ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނުދޭން އެންގުމުން ފޯނު ނުދިން މައްސަލާގައެވެ. އެ މައްސަލާގައި މައުމޫންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ