ޖުމުހޫރީ ޕާޓީގެ ލީޑަރު މިނިވަން ކުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ތުޅާދޫގެ ގިނަ ރައްޔިތުން ސޮއިކޮށްފި އެވެ.
ފްރީ ޤާސިމް ޕެޓިޝަންގައި ސޮކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ތުޅާދޫގައި އިސްވެ ހަރަކާތްތެރިވަމުންދާ ޓީމުގެ މެންބަރު މުހައްމަދު ޝަރީފު ވިދާޅުވީ ޤާސިމް އިބުރާހިމް މިނިވަން ކުުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި އެރަށުން ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުންދާ ކަމަށެވެ. އަދި ބ. އަތޮޅުގެ ހުރިހާ ރަށެއްގައިހެން މި ހަރަކާތް ކުރިއަށްދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ނުހައްގުން ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންހަގަމުންދާއިރު، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އދ. މާމިގިލީގެ ރައްޔިތުންގެ އިސްވެ ސޮއިކުރަންފެށި މި ޕެޓިޝަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ރައްޔިތުން ދަނީ ސޮއިކުރަމުން ނެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ ގާސިމް އިބްރާހީމަކީ ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދާއި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގުރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމުގައިވެސް ބުނެފައިވެ އެވެ.
މީގެ އިތުރަށް އެމަނިކުފާނަކީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީން ދިވެހިންނަށް އެތައް ހައްގުތަކެއް ހޯއްދަވައިދެއްވުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ ހިނދު، އެ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދިން ހައްގުތައް ބީވެގެން ދިއުމަކީ މިއަދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ގާސިމް އިބުރާހިމާއި މެދު ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ އިންސާފުން ނޫންކަން ފާހަގަކޮށް، ގާސިމް އިބްރާހިމް ފަދަ ހިދުމަތްތެރިއަކު ޖަލުގައި ބަންދުކޮށް ބޭއިންސާފުން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށާއި، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅުއްވާނީ ޖުމުހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން އެވެ.
ގާސިމް މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަން ބ. އަތޮޅުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ