ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ބަންދުކޮށްފައިވާ މައްސަލާގައި ހައި ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފުގެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުކޮށްފިއެވެ.
ގާސިމް އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ ބަންދަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 1:30 ގައެވެ.
ގާސިމްގެ ފަރާތުން މި މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފަައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުންތައް ނިންމާލީ މިމައްސަލާގައި ގޮތެއް ނިންމުމަށް އެހެން އަޑުއެހުމެއް ބާއްވަން ނިންމުމަށްފަހު އެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ހިސާން ހުސައިން އާދިއްތަ ދުވަހުގެ އަޑުއެހުމަށްފަހު ވިދާޅުވީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި މައިގަނޑު ހަތަރު ނުކުތާއެއް ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ގާސިމް އިބްރާހީމް ބަންދުކުރުމަށް އަމުރު ނެރުއްވި ގާޒީ، އަމުރުގެ ސައްހަކަމާމެދު ގޮތް ކަނޑައެޅުމަށް އިންނެވުމާއި، މިފަހަރުވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނާ ޚިލާފަށް ކަމާއި، ބަންދުގައި ބަހައްޓަން ނިންމީ އެއްވެސް ހެއްކެއް ނެތި ކަމާއި، ބަންދުގެ މުއްދަތު މަޖިލިސް ސިއްރު މަޖިލިހެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާތީ އެކަންކަން ފާހަގަކުރެއްވި ކަމަށް ހިސާން ވިދާޅުވިއެވެ.
ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު ދެވަނަ ފަހަރަށް ހައްޔަރުކުރީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އެހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ބަންދުކޮށްގެން ގެންދިއުމަށްފަހު އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށް، އެމަނިކުފާނު ދޫނިދޫގައި ބަހައްޓާފައި ހުންނަވާތާ މިހާރު ވަނީ 11 ދުވަސް ފާއިތުވެ ގޮސްފަ އެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ