ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން، މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އަތުން ނަންގަވާފައިވާ ދެ މިލިއަން ރުފިޔާ ހޯދުމަށް އެދި ޔާމިންއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
 
ވެލިދޫ ދާއިރާގެ މެމްބަރު ޔާމިންއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ މިސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ އޭނާއަތުން ދެ މިލިއަން ރުފިޔާ ނަގާފައިވާ ޔާމިންވެސް ޤަބޫލުކުރައްވާނެ ކަމަށާއި އެހެން ކަމުން އެފާއިސާ ދައްކާ ހަލާސްކުރުމަށް ޔާމިންއަށް އަންގާ ކަމަށެވެ. އަދި އޭޕްރިލް 25، 2017 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަސްތެރޭގައި މިފާއިސާ އަދާކޮށްދިނުމަށާއި މިމުއްދަތުގެ ތެރޭގައި ފާއިސާ ނުދައްކައިފިނަމަ މިފާއިސާ ހޯދުމަށް ޝަރުޢީ ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
 
ޖާބިރުގެ ސިޓީއާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް މެމްބަރު ޔާމިންއަށް ރާއްޖެއެމްވީން ގުޅާލުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.
 
އެހެން ނަމަވެސް ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މެމްބަރު ޔާމިން ވިދާޅުވެފައިވަނީ ޖާބިރު އަތުން ނަގާފައިވާ އެއްވެސް ފާއިސާއެއް ނޯންނާނެ ކަމަށާއި ޖަބީރު އެވާހަކަދައްކަވަނީ އޭނާގެ އަބުރު ކަތިލެއްވުމުގެ ނިޔަތުގައި ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ