ޑްރަގް ކޯޓުން ފުރަތަމަ ފަހަރަށް ހުކުމެއް ކޮށްފި

އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އުފެއްދި ޑްރަގް ކޯޓުން ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް މިއަދު ހުކުމެއް ކޮށްފި އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ބުނާގޮތުން ޑްރަގް ކޯޓަކީ މައިގަނޑު ގޮތެއްގައި ފަރުވާގެ ކޯޓެކެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުން ކޮށްގެން ހުރެ ކުރާ ޖިނާއީ ބައެއް ކުށްތަކުގެ މައްސަލަތައް އެ ކޯޓުން ބަލާނެ އެވެ.
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމުގުގެ ކުށުގައި މިއަދު ހުކުމް ކޮށްފައިވަނީ މ. ފްރެންޑްޝިޕް އިބްރާހިމް ހަލީލްގެ މައްޗަށެވެ.
އިބްރާހިމްގެ މައްޗަށް ކުރި ހުކުމުގައިވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓް ހެދުމަށާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިބްރާހިމް އެއްބަސްވުމާ ގުޅިގެން ހެދި އެސެސްމެންޓް ރިޕޯޓުގައި އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާއި އޭނާ އަކީ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރެވޭފަދަ ހާލަތެއްގައި ހުރި މީހެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ޑްރަގް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކުރެއްވި ހުކުމުގައި ވަނީ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފްވެފައި ކަމަށެވެ. އަދި އިބްރާހިމްގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރުމުން ޑައިމޯފިން ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންކަމުން ކުށުގެ އުގޫބާތެއްގެ ގޮތުން ތިން އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް، ފަރުވާ ފުރިހަމަކުރުމަށް ޝަރުތުތަކަކާ އެކު އެއްބަސްވެފައި ވާތީ އެ ފަރުވާ ފުރިހަމަކޮށް ނިމެންދެން ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
މި މައްސަލަ ބެލި އިރު، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ ބައި ކުރިއަކަށް ނުގެންދެ އެވެ. އެއީ އެ ދައުވާ ކުރިއަށް ގެންދިއުމުގެ އިހްތިސާސް ޑްރަގް ކޯޓަށް ލިބިގެން ނުވާތީ އެވެ.
މި ހުކުމާ އެކު، ފަރުވާގެ މުއްދަތުގައި ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ ފަރުވާ ހުއްޓާލުމަށް ފަހު ހުކުމް ތަންފީޒުކުރަން ފެށޭނެ އެވެ. ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަށް ހުކުމް ކުރާއިރު، އެ ހުކުމް ރައްދުވާ މީހަކު ޑްރަގް އެޖެންސީގެ ފަރުވާ ކުރިއަށް ގެންދިއުމަށާއި ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ނުދިއުމަށާއި ފަރުވާގެ މުއްދަތުގައި ކުށެއް ނުކުރުން ފަދަ ކަންކަމަށް ޝަރުތުކުރެ އެވެ. ހުކުމް ތަންފީޒު ކުރުމުން ސަލާމަތް ވާނީ އެންޑީއޭ އިން ކަނޑައަޅާ ފަރުވާ، ޝަރުތުތަކާ އެކު ފުރިހަމަކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ