ސަން އައިލެންޑްގެ ޖީއެމްއަކަށް ކެލާ މެމްބަރު ޑރ. މައުސޫމް

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރަކަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ހަމަޖައްސައިފި އެވެ.
ކުރިން ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މައުސޫމް ވިދާޅުވީ 852 އެނދުގެ ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރުކަން އޭނާއާ ހަވާލުކުރެއްވީ ރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަގާމު އަދާކުރެއްވިޔަސް މަޖިލިހުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
މަޖިލިހުގެ މެމްބަރުންނަށް އަމިއްލަ މަސައްކަތްކުރެއްވުން ގާނޫނުން މަނައެއް ނުކުރެ އެވެ.
"އަޅުގަނޑު މި މަގާމު ބޭނުން މިކުރީ މި ދާއިރާ އަށް ޒުވާނުން އިތުރަށް ޝައުގުވެރިކުރުވުމަށް. މި ދާއިރާ އަކީ ރާއްޖޭގައި އެންމެ މުހިންމު ދާއިރާކަން ބުނެދިނުމަށް،" ޓޫރިޒަމް މެނޭޖްމެންޓާއި ޓޫރިޒަމް ޑިވެލޮޕްމެންޓް ދާއިރާ އިން ޕީއެޗް.ޑީ ނަންގަވާފައިވާ ޑރ. މައުސޫމް ވިދާޅުވި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ސަން އައިލެންޑްގެ ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އިކޮނޮމިކް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުންނެވެ.
ޑރ. މައުސޫމް ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ