ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕީޕީއެމް ކޯލިޝަނުން ބޭނުންކުރު ފޯމިއުލާ އިން ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކުރާނެ ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި އެ ޕާޓީ އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުވެފައި ވަނީ ތިން ކަމެއްގެ މައްޗަށް އެކުލެވިގެންވާ ފޯމިއުލާއަކުން ކަމަށެވެ. އެ ފޯމިއުލާގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އިންތިހާބަށް ހުރިހާ ޕާޓީތައް ގުޅިގެން އެކުވެރިކަމާ އެކު ކުރި މަސައްކަތެވެ.
"އަޅުގަނޑުމެންނާ ގުޅިފައިވާ އެހެން ޕާޓީތަކާ އެކު މި ފޯމިއުލާ ބޭނުންކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިހާބީގެ ކާމިޔާބީގެ ތަޅުދަނޑިއަކަށް ވެގެންދާނެ ކަމާ މެދު ޝައްކެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ވާދަވެރި އިންތިހާބު އެ ޕާޓީ އަށް ކާމިޔާބުވެފައި ވަނީ މޮޅެތި ރޭވުންތަކެއް ރާވައިގެން ނޫން ކަމަށެވެ. އިންތިހާބު ކާމިޔާބުވީ، އެއްވެސް ޝައްކު ކަމެއް ނެތި ހިތްވަރާއެކު ކުރި މަސައްކަތުން ކަމަށެވެ. އެ މަސައްކަތުގައި ޒުވާނުންނާއި އަންހެނުންނާއި ރާއްޖޭގެ އެތައް ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ޕާޓީތަކުން މަސައްކަތްކުރީ ގުޅިގެން އެއްބައިވަންތަކަމާ އެކުގައި ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޕާޓީތަކުގެ އެކުވެރިކަން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
"މިއީ މި ގައުމުގެ ސަލާމަތަށްޓަކައި ލިބުނު ކާމިޔާބީއެއް. އިސްލާމްދީނަށްޓަކައި ލިބިގެންދިޔަ ކާމިޔާބީއެއް. މި ކާމިޔާބީއަށް ކުރިއަށް އޮތް ދުވަސްތަކުގައި ޝުކުރުވެރިވާނަމަ އަޅުގަނޑުމެން ޖެހޭނީ ރައްޔިތުން ކުރި ދުއާގެ އަޑުއަހަން. އެ ޝުކުރަށް ވާންޖެހޭނީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ބޮޑެތި ކަންތައްތައް ހަނދާން ނައްތާނުލުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ހިންގުމަށް އެކުލަވާލާފައިވާ ކޯލިޝަނަކީ ރައްޔިތުން ފަހުރުވެރިވާންޖެހޭ ކޯލިޝަނެކެވެ. އެ ކޯލިޝަނުން ގުޅިގެން ކުރާ މަސައްކަތުން ކުރިއަށް އޮތް އިންތިހާބުތަކުގެ އިތުރުން އެހެން ވެސް މަސައްކަތްތަކުގައި ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބުކޮށްދިނުމަށް ޕީޕީއެމަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ވަކިވަކިން އެ ޖަލްސާގައި ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ފޯމިއުލާ އިން ކުރިއަށް އޮތް ދެ އިންތިހާބު ކާމިޔާބުކުރާނަން: ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ