މާޒީން އިބުރަތް ލިބިއްޖެ، ދެން ކުރިއަށް ދާނީ އެކަތިގަޑެއްގެ ގޮތުގައި: ގާސިމް

މާޒީގައި ތަފާތު ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި ދެން ކުރިއަށް ވަޑައިގަންނަވާނީ އެކަންތައްތަކުން އިބުރަތް ލިބިގެން އެ މިސްޓޭކް ތަކުރާރުނުކޮށް އެކަތި ގަނޑެއްގެ ގޮތުގައި ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް އެހެން ވިދާޅުވީ ޖޭޕީގެ މައި ޖަހަގަ، މ. ކުނޫޒުގައި އިދިކޮޅު ޕާޓީތައް ގުޅިގެން މިރޭ ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާއަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސޮއި ކުރައްވައި ސަރުކާރާ ދެކޮޅަށް އެއްބަސްވުމެއް ހެދި ފަހުން ބޭއްވި ފުރަތަމަ ޖަލްސާ އެވެ. ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކައި މިއަދު އެ ބޭފުޅުން އެ ނެގި ޑިސިޝަނަކީ ދިވެހި ތާރީހުގައި ރަން އަކުރުން ފެވިގެން ދާނެ ދުވަހެއް ކަމަށެވެ. ކުނޫޒްގައި މިރޭ އިދުކޮޅު ފަރާތްތަކުން ގުޅިގެން ބޭއްވި ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ "އަޅުގަނޑުމެން ތަޅައެއް ނުފޮޅާނަން. މާޒީގެ ދުވަސްތަކުން އަޅުގަނޑުމެނަށް އިބްރަތް ލިބެއްޖެ. މުއުމިނެއްގެ ގައިގަ އެއް ހަރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެ. އަހަރެމެން އެކަތިގަނޑެއްގެ ގޮތުގައި އެއް އުންމަތެއްގެ ގޮތުގައި އެއް ދީނެއްގެ ގޮތުގައި އެއް ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުމެން މަސަތްކަތް ކުރާނީ. އެއް ގައުމެއްގެ ގޮތުގައި ބާއްވާއިގެން އެކުވެރިކަމުގެ ގޮތުގައި މަސަތްކަތް ކުރާނީ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަތަރު ލީޑަރުންނަކީ ވެސް ތަފާތު ވިސްނުމެއްގެ ހަތަރު ލީޑަރުން ކަމަށާާއި ނަމަވެސް މިއަދު އެއްބަސްވެފައި ވަނީ ދިވެހި ރައްޔިތުންނަށްޓަކައި އެ ފިކުރުތައް އެއްފަރާތްކޮށް އެކުގައި މަސަތްކަތް ކުރުމަށް ކަމަށެވެ. އިދުކޮޅު ފަރާތްތަކުން ގުޅިގެން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު "ދިވެހި އުންމަތަށްޓަކައި ދިވެހި ގައުމަށްޓަކައި ދިވެހި ރައްޔިތުންގެ ތަރައްގީއަށްޓަކައި އަދުލު އިންސާފަށްޓަކައި ތިބޭފުޅުން ތިކޮށްދެއްވި އަގުހިރި މަސަތްކަތް ރަން އަކަރުން ދިވެހި ތާރީހުގައި އަބަދުގެ އަބަދަށް ކަނޑާއި ނަގާނެ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމު އިސްލާހުގެ މަގަށް ގެނައިސް ދިވެހި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ރައީސް މައުމޫން އާއި ރައީސް ނަޝީދު ކޮށްދެއްވި އަގުހުރި މަސަތްކަތްތަކަކީ އެއްވެސް ދިވެހި ރައްޔިތަކު ހަނދާނުން ފުހުލޭނެ ކަމެއް ނޫން ކަމަށާއި މިއަދު ވެރިކަމުގައި ހުރި ރައީސް ޔާމިނުގެ ސަބަބުން ދިވެހި ގައުމަށް އަންނަނީ ގުނާ އަދަދު ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވަމުން ކަމަށެވެ. "މިއަދުގެ ސަރުކާރަށް ރައީސް މައުމޫންް ކުރާ ތާއިދު އަނބުރާ ގެނައި ފަދައިން އަޅުގަނޑުވެސް ރައީސް ޔާމިިންގެ ސަރުކާރަށް ކުރަމުން އައި ތާއިދު އަނބުރާ ގެނައިސްފިން،" ގާސިމް ވިދާޅުވިއެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު އެއްބަސްވުމެއް އެކުލަވާލައި، މަސައްކަތް ކުރަން ފެށީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަށް އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ. ސަރުކާރުން ބުނަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނެ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މަޖިލީހުގެ ޖަލްސާއަށް ވަންނާނި އަގުލަބިއްޔަތު ހޯދައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ