އިނގިލީގެ ނިޝާން ސައްހަ ކުރަން އެދޭ ހާލަތްތަކުގައި އެކަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމުތަކުގައި ޖަހާ އިނގިލީގެ ނިޝާނުގެ ސައްހަކަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރުމަށް އަންގައި ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވައި މި އަމުރެ ނެރުނުއިރު ވޯޓުލުމަށް ރަޖިސްޓްރީކުރާ ފޯމުތަކުގައި ޖަހާ އިނގިލީގެ ނިޝާންގެ ސައްހަކަން އިލެކްޝަންސް ކޮމިޝަނަށް ނުބެލޭތީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރީ-ރަޖިސްޓްރޭޝަން ފޯމުގައި ޖަހާ އިނގިލީގެ ނިޝާންގެ ސައްހަކަން ބެލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް އެ ކޯޓުން ކުރި ހުކުމްގައި ބަޔާންކުރާ ގައިޑްލައިންތަކާ އެއްގޮތަށް ކަންތައްތައް ދާކަން ކަށަވަރު ކުރުމަށް އިންތިޚާބީ ޝަކުވާގެ ހައްގު ލިބިގެންވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާ ގުޅިގެން، އެ ޝަކުވާތައް ހައްލުކުރުމަށް ޖާގަ ދޭން ޖެހޭ ކަމަށެވެ. "...އަދި ގާނޫނު އަަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބަޔާންްކޮށްފައިވާ ގޮތުގެ މަތިން، ނުރަނގަޅު ނުފޫޒުތަކުން އެއްކިބާ ކުރެވިފައިވާ، އިންސާފުވެރި އަދި ދެ ފުށް ފެންނަ އިންތިޚާބަކަށް ހެދުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ކެންޑިޑޭޓުން ނުވަތަ އެފަރާތްތަކުގެ މަންދޫބުންގެ އިިތުރުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމާ އެކު، އިންތިޒާމް ކުރަން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 42/ސީ-އެސްސީ/2013 ގަޒިއްޔާގެ ހުކުމްގައި ދީފައިވާ ގައިޑްލައިންތަކުގައި ބުނެފައިވާ ކަންތައްތައް އެ ގައިޑްލައިންތަކުގައި ބުނެފައިވާ ގޮތުގެ މަތިން އިންތިޒާމް ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ،" އަމުރުގައިވެ އެވެ.ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތަކުގައި ޖަހާ އިނގިލީގެ ނިޝާނުގެ
ސައްހަކަން ޑީއެންއާރު
މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރުމަށް
އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނުއިރު އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިނގިލީގެ ނިޝާނަކީ ސައްހަ
އެއްޗެއްތޯ ބެލޭނެ ގާބިލްކަމެއް އެ ކޮމިޝަންގައި ނެތް ކަމަށެވެ. 
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް
އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ރީ-ރަޖިސްޓްރޭޝަން ފޯމުގައި ޖަހާ އިނގިލީގެ
ނިޝާނަކީ އެ މީހާގެ އަމިއްލަ ނިޝާންކަން ޔަގީން ނުކޮށް ވޯޓާސް ލިސްޓުގައި
ސޮއިކުރައްވަން އެ ޕާޓީ އަށް ދަތިވާނެ ކަމަށެވެ.ޔާމީން ވަނީ އިނގިލީގެ ނިޝާން ސައްހަކުރުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ ވެސް މިއަދު ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. ޔާމީން ވިދާޅުވީ އިނގިލީގެ ނިޝާން ސައްހަ ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް
އެދެން ދެންނެވުމުން އެކަމާ ފުއާދު ދެކޮޅުހެއްދެވި ކަމަށެވެ. ފުއާދު ވިދާޅުވީ، ޔާމީން ވިދާޅުވި ގޮތުގައި، އިލެކްޝަންސް
ކޮމިޝަނުން އިސްވެ އެއްވެސް ކަމެއްގައި ސުޕްރީމް ކޯޓަށް ނުދާނެ ކަމަށާއި ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް "ވީވަރަކުން" ތަބާވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައި ވަނީ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމުގެ ގާބިލްކަން ކޮމިޝަންގައި ނެތް އިރު،
އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ
ހުކުމުގައި ވެސް ނެތް ކަމަށެވެ. ނަމަވެސް ރީ-ރެޖިސްޓްރީ އަށް ހުށަހަޅާ
ފޯމްތަކުގެ ތެރެއިން ފޯމެއްގައި މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ
ފުލުހުން މެދުވެރިކޮށް އިނގިލީގެ ނިޝާން ސައްހަތޯ ބަލާނެ ކަމަށް އިލެކްޝަންސް އިން ބުނެފައިވެ އެވެ. 
ހޮނިހިރު ދުވަހު އަލުން އިންތިޚާބު
ބާއްވާއިރު، ރީ- ރަޖިސްޓްރީކުރަން ހުށަހަޅާ ހުރިހާ ފޯމްތަކެއްގެ އިނގިލީގެ
ނިޝާން ޗެކްކުރުމަކީ ވަގުތުގެ ގޮތުން ވެސް ކުރަން ދަތިވެދާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ