އިންތިހާބުތަކުން ބަލިވިޔަސް ޕާޓީ ބައިބައި ނުކުރަން މައުމޫން ގޮވާލައްވައިފި

ޕީޕީއެމްގެ ޕްރައިމަރީގައި ބަލިވާ ފަރާތްތަކުން ޕާޓީ ބައިބައިވެގެން ދާނެ ފަދަ އެއްވެސް އަމަލެއް ނުކުރެއްވުމަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގެ އިންތިހާބުތަކުގައި ވާދަކުރާ މީހުންގެ ޝަރަފުގައި "ރާބާ ރެސްޓޯރަންޓް"ގައި މައުމޫން ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޕީޕީއެމް ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ އިންތިހާބުތަކުގައި ގިނަ ބަޔަކު ވާދަކުރާއިރު އެއީ ވާދަވެރި އިންތިހާބުތަކަކަށް ވާނެ ކަމަށެވެ. އަދި ޑިމޮކްރަސީއެއްގައި އިންތިހާބެއްގެ ނަތީޖާ އެ ބަޔަކު ބޭނުންވާ ގޮތަކަށް ވެސް ނުކުމެދާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ދަނޑިވަޅެއްގައި ވެސް އަމަލުކުރަން ޖެހޭނީ ޕާޓީގެ ގިނަ މެންބަރުން މާޔޫސްނުވާނޭ ގޮތަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އިންތިހާބުގައި ވާދަކުރެވުނަސް، އެއްބަޔަކު އިންތިހާބު ކާމިޔާބުކުރިއަސް އަޅުގަނޑުމެން ވާން ޖެހޭނީ އެއްބައިވަންތަ ބަދަހި ޕާޓީއަކަށް. އެއީ އިންތިހާބު ނިމިގެން ދާއިރު ވެސް އަޅުގަނޑުމެން ތިބެން ޖެހޭނީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ. "އެއްގޮތަކަށް ވެސް އިންތިހާބުގެ ސަބަބުން އަޅުގަނޑުމެންގެ ސަފުތައް ރޫޅިގެން ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން އެއްބައި ބޭފުޅުން ހިތްހަމަނުޖެހިގެން އެހެން ގޮތަކަށް އެނބުރިގެން ނުވާނެ. އެހެން ގޮތަކަށް އަމަލުކޮށްގެން ވެސް ނުވާނެ. މިއީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން އަންގައިދޭން މުހިންމު ގޮތެއް."
މައުމޫން ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވެސް ނުކުތީ ހީކޮށްގެން ހުންނެވި ގޮތާ މުޅިން ހިލާފަށް ކަމަށެވެ. އެކަމަކު އެފަދަ ކޮންމެ ވަގުތެއްގައި ވެސް ކެތްތެރިކަމާއި ގިނަ ބަޔަކު ބޭނުންވާ ގޮތަށް އިހުތިރާމް ކުރަން ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"މި ޕާޓީގެ މެންބަރުން މާޔޫސްވާ ގޮތަށް އަޅުގަނޑުމެން ކަންކަން ކޮށްގެން ނުވާނޭ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބު. އެހެންވީމައި އަޅުގަނޑުމެން ޖެހޭނީ އެކުވެރިވާން އެކީގައި މަސައްކަތް ކުރަން ... އަޅުގަނޑަށް ވެސް 2008 ވަނަ އަހަރު ގިނަ ރަށްރަށުން ގުޅުއްވާފައި ވިދާޅުވި 60 ޕަސެންޓް 70 ޕަސެންޓް ވެސް ލިބޭނޭ. ނަމަވެސް އެހެނެއް ނޫން އެކަން ވީކީއެއް ނަތީޖާ އައިއިރު،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު މިއަދު ވެސް ވިދާޅުވީ ޕީޕީއެމްގެ އިންތިހާބުތަކުގައި އެއްވެސް ބޭފުޅަކަށް ތާއީދުކޮށް ކެމްޕޭން ނުކުރައްވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ އިންތިހާބުގެ ކެމްޕޭންތައް ކިތަންމެ ވާދަޔާއި ފޯރީގައި ދިޔަ ނަމަވެސް އެކަންކަން ކުރަންވާނީ ޕާޓީގެ މަސްލަހަތު ނުގެއްލޭ ގޮތަށް ކަމަށާއި ވަކި ކެންޑިޑޭޓަކަށް ބަދުބަސް ރައްދުކޮށް ވާހަކަދައްކާ ހަނދައިގެން ނުވާނެ ކަމަށެވެ. އަދި ވަކި މީހަކަށް ވޯޓު ނުލަން ބުނުމާއި އިހާނެތި ބަސްތައް ރައްދުކުރުމުން ދުރުވާން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ފުރަތަމަ އިންތިހާބުތައް ވާނީ މިނިވަން، އިންސާފުވެރި އިންތިހާބުތަކަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ