އިންތިޚާބާ ގުޅޭ އިތުރު މައްސަލައެއް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު ފުރިހަމަ ކުރުމަށާއި އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި މައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު "ހަވީރަ"ށް ވިދާޅުވީ ޕީޕީއެމުން އެދިފައިވަނީ ވޯޓާސް ލިސްޓުގައި ހިމެނޭ މައްސަލަތައް ހައްލުކުރުމުގެ އިތުރަށް އެ ލިސްޓަކީ އިންތިޚާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުން އިއްތިފާގުވާ ލިސްޓަކަށް ހެދުމަށް ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕުކުރާ އިރު އާއި ވޯޓު ލާ މަރުކަޒުތަކަށް ކަރުދާސް ގެންދާ އިރު ކެންޑިޑޭޓުންނަށް ފާރަވެރިވެވޭނެ ފުރުސަތު ދިނުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފަދަ އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކުރައްވާފައެއް ނުވޭ. އެހެން ވީމާ ކޯޓަށް ދިޔުން ނޫން ގޮތެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމުން ހުށަހެޅި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ހަވީރު ހައެއް ޖަހާއިރު ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ.
އިބްތިދާއީ އަޑު އެހުން ބާއްވަނީ ޝަރީއަތް ކުރިއަށްގެންދެވި ދާނެތޯ ބެލުމަށެވެ.
އިންތިޚާބާ ގުޅޭ މައްސަލައެއް ޕީޕީއެމުން ހުށަހަޅާފައިވާ އިރު މިމަހުގެ ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ބާތިލްކުރުމަށާއި އެ މައްސަލައިގައި ގޮތެއް ނިންމަން ދެން ދެވަނަ ބުރުގެ ވޯޓު ފަސްކުރުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށްދެ އެވެ.
ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމެންދެން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހޯމަދުވަހު އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ