ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އދން ރެކޯޑު ޢަދަދެއްގެ ފައިސާ ހޯދަނީ

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 41 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމުގެ މަސައްކަތް އދން ފަށައިފިއެވެ.
ރެކޯޑު ޢަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް އދން ފަށާފައިވަނީ ދުނިޔޭގެ އެކި ސަރަޙައްދުގައި ޙާލުގައި ޖެހިފައިވާ 183 މިލިޔަން މީހުންނަށް އެހީތެރިކަން ބޭނުންވެފައިވަނީ ދަނޑިވަޅެއްގައެވެ. އެ ގޮތުން އދންވަނީ އަފްޣާނިސްތާނަށް ފޯރުކޮށްދޭ އެހީތެރިކަން ތިންގުނަ ކުރުމަށް ނިންމައިފައެވެ.
އދން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ގިނަ ބަޔަކު ޙާލުގައި ޖެހިފައިވަނީ ހަނަފަސްކަމުގެ ސަބަބުންނެވެ. އެ ގޮތުން 43 ޤައުމަކުން ޖުމުލަ 45 މިލިޔަން މީހުންނަށްވަނީ ހަނަފަސްކަމުގެ އަސަރުކޮށްފައެވެ. އެއާއެކު އެ ޤައުމުތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން %17 އިތުރުކުރަން ޖެހޭނެކަމަށް އދން އަންދާޒާކުރެއެވެ.
އދން ޢާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަވަސް އެހީތެރިކަމަކާ ނުލައި 2022ވަނަ އަހަރު ވެގެންދާނީ ވަރަށް އުނދަގޫ އަދި މުޞީބާތުން ފުރިފައިވާ އަހަރަކަށްކަމަށެވެ. އެ ޖަމުޢިއްޔާއިން ބުނެފައިވަނީ ޙާލުގައި ޖެހިފައިވާ މީހުންނަށް ދިގު މުދައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މުޙިއްމުކަމަށެވެ. އެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ އަފްޣާނިސްތާނާއި ސޫރިޔާއާއި ޔަމަނާއި އިތިއޮޕިޔާއާއި ސޫދާނަށްކަމަށާއި އެ ޤައުމުތަކަށްވަނީ ވަރަށް ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އދން ބުނެއެވެ.
އދގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު އެހީތެރިކަމަކަށް ބޭނުންވެފައިވަނީ އަފްޣާނިސްތާނެވެ. އެ ގޮތުން އެ ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ކާރިޘާއިން އަރައިގަތުމަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ. އދން ބުނެފައިވަނީ އަފްޣާނިސްތާނުގައި ދިރިއުޅޭ 24 މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަމަށާއި އެ ޤައުމު އޮތީ ފާއިތުވި 27 އަހަރުގެ ތެރޭގައި ނުވެއްޓޭވަރުގެ ނާޒުކު ޙާލަތެއްގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ