ފައިސާ ޗާޕުކުރަނީ ރައްޔިތުން ބަނޑަށް ޖައްސަން: މެމްބަރު ޝިޔާމު

ބަޖެޓް ސަޕޯޓަށް ފައިސާ ޗާޕު ކުރަނީ ރައްޔިތުން ބަނޑަށް ޖައްސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސާ ޗާޕު ކުރަން ޖެހިފައިވާ ހާލަތާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ދެއްކެވި ވާހަކައާ ގުޅިގެން މިއަދު މަޖިލީހުގައި ޝިޔާމް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕު ކުރުމަކީ އެނގި ތިބެ ރައްޔިތުން ބަޑަށް ޖެއްސުން ކަމަށެވެ.
އަދި ގައުމުގެ ދަރަނި ސަތޭކަ ބިލިއަނުން ދަރަނިވެރިވެއްޖެ ކަމަށާއި އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ ބަނގުރޫޓުވެފަ އޮތް ގައުމެއްގެ ގޮތުގައި އަންނަނީ ފެންނަމުން ކަމަށްވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
ޚަރަދަށް ޒިންމާ ގާނޫނުގަ އޮތީ ސަސްޕެންޑްކޮށްގެން ކެޕިޓަލް އިންވެސްޓްމަންޓް ނޫނީ ޚަރަދު ނުކުރެވޭނެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި ފައިސާ ޗާޕުކޮށްގެން ލޯނުނަގައިގެން ޚަރަދުކުރަނީ ރިކަރަންޓް ޚަރަދަށް ކަމަށާއި ތަރައްގީގެ އެއްވެސް މަޝްރޫޢަކަށް ފައިސާ ޚަރަދު ނުކުރާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވެސް އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ