ނިމިދިޔަ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ބޮޑެތި ޢަދަދުތަކުން ދަރަނި ނެގިކަމުގައި ވިޔަސް ކުރެވުނު ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދަޢުރުގެ 37 ވަނަ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި ކުރިއަށް ދަނީ 2022 ވަނަ އަހަރަށް ދިވެހި ސަރުކާރުން ލަފާކުރާ ބަޖެޓް ހުށައަޅައި، އެ ބަޖެޓަށް ބަހުސްކުރުމެވެ.
ޝިފާއު ވިދާޅުވީ، 2022 ވަނަ އަހަރަށް އައިއިރު ދިވެހިން ދިރިއުޅެމުން ދަނީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި ބޯހާސްކަމެއްގައި ކަމަށެވެ. ނަމަވެސް، ހުށައެޅިފައިވާ ބަޖެޓުން އެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު، މީގެ ކުރިން ނިމިދިޔަ ސަރުކާރުތަކުގެ ދަރަންޏާ ބެހޭ ގޮތުން ވާހަކަދެއްކެވި އިރު، ހިތަށް އެރީ ހަގީގަތުގައި ނިމ ދިޔަ ރައީސް ޔާމިންގެ ސަރުކާރުގައި ވެސް ބޮޑެތި ޢަދަދުތަކުން ދަރަނި ނެގިކަމުގައި ވިޔަސް ކުރެވުނު ކަމެއް ނެތް ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުން ބޭނުންވަނީ ދަރަނި ނަގައިގެން ވިޔަސް ކަންކަން ކޮށްދިނުން ކަމަށް ޝިފާއު ފާހަގަކުރެއްވިއެވެ. އެ މޭރުމުން ވާހަކަދައްކަވައި، މި ސަރުކާރުން އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ކަންކަން ކުރަމުންދާ ކަން ވެސް ޝިފާއު ފާހަގަކުރެއްވިއެވެ.
އެ ގޮތުން ބައެއް މިސާލުތައް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި، މާރަންދޫ އާއި މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމާއި އިހަވަންދޫ ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނެއެވެ.
އަންނަަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އަމީރު ވިދާޅުވީ، ކޯވިޑް-19 ކުރިމަތިވުމުގެ ސަބަބުން 2020، 2021، އަދި 2022 އަށް ސަރުކާރުން އަންދާޒާ ކުރި އާމްދަނީން 36 ބިލިއަން ރުފިޔާ ނުލިބި ގޮސްފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ މި އަހަރު ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 150 އިންސައްތައަށް އިތުރުވިޔަސް 2023 ވަނަ އަހަރުގައި އެ ނިސްބަތުން ދަރަނި 105 އިންސައްތައަށް ތިރި ކުރެވޭނެ ކަމަށެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ބޮޑެތި ޢަދަދުތަކުން ދަރަނި ނެގިކަމުގައި ވިޔަސް ކުރެވުނު ކަމެއް ނެތް: މެމްބަރު ޝިފާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ