ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ ތަނެއްގެ ގޮތުގައި ހެދޭނީ ސަރުކާރު ކޯލިޝަނުން ނުކުންނަވާ ކެންޑިޑޭޓުން އިންތިޚާބުވެގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ ނަހުލާ އަލީގެ ކެންޕޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މެނިފެސްޓޯގައިވާ ކަންތައް ފުރިހަމަކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ސަރުކާރު ކޯލިޝަނުން ނުކުންނަވާ ކެންޑިޑޭޓުން އިންތިޚާބު ވެގެން ކަމަށެވެ.
ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް އިސްކަންދޭކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ނަހުލާ އަކީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޒުވާނެއް ކަމަށާއި އެހެންކަމުން ނަހުލާ އަކީ ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ މީހެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ނަހުލާ އަކީ އެމަނިކުފާނު 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވި އިރު ވެސް އެމަނިކުނާފުގެ ފަހަތްޕުޅުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ ގުޅިގެން ހަދާފައިވާ ކޯލިޝަނަކީ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ކޯލިޝަނެއް ކަމަށާއި އެ ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށެވެ.
އެ ހަފްލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ޒިންމާދާރުކަމާ އެކު ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތް ކުރުމަށް އޮންނަ ތަނެއް ކަމަށާއި މަޖިލީހަކީ ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
ގާސިމް ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ނަހުލާ އިންތިޚާބު ކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ ތަނެއްގެ ގޮތުގައި ހެދޭނީ ކޯލިޝަން ކެންޑިޑޭޓުން ހޮވައިގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ