ހައްދުފަހަނަ އެޅުމުން ދުރަށް ޖެހެންވީ ނަޝީދު: ސައީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްދުފަހަނަ އެޅުމުން ދުރަށް ޖެހިވަޑައިގެންނެވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
އިދިކޮޅުން ސޯޝަލް މީޑިއާގައި ފަށާފައިވާ "އިންޑިޔާ އައުޓް" ކެމްޕެއިނަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކެމްޕެއިނެއްކަމަށް ނަޝީދު ތުހުމަތު ކުރެއްވުމާއި ގުޅިގެން ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހު ވާންވީ ނަޝީދު ކަމަށެވެ.
އެގޮތުން ހައްދުފަހަނަ އެޅުމުން ދުރަށް ޖެހިވަޑައިގެން، އެމްޑީޕީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަ ދައްކަވައިގެން ނިންމެވުމަށް ސައީދު ގޮވައިލެއްވި އެވެ.
އިންޑިޔާއާއެކު ރާއްޖެއިން ބަދަހިކުރަމުންދާ އިންތިހާ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި މެމްބަރު ސައީދު ވިދާޅުވީ ގައުމީ ކަންކަމުގައި ގޮތް ކިޔާނީ ދިވެހިން ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އިއްޔެ ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުން ކަމަށެވެ. އަދި އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭން" އަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ