ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ޤާނޫނުން އުފެއްދި އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލް މެންބަރުގެ މަޤާމާ ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޔަޢުޤޫބު ޙަވާލުވެވަޑައިގަތުމުން އޭނާގެ މަޖިލިސް ގޮނޑި ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމުގައި ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމުގައި ދެ ފަރާތަކުން މިހާތަނަށް ބުނެފައިވެއެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމުވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް އެ ކޯލިޝަނުން ހުށަހަޅާނެ ކަމުގައި ވިދާޅުވެފައެވެ. އޭގެ އިތުރަށް ކުރީގެ ޤާޟީ މުޙައްމަދު ޙަލީމްވެސްވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމަވާފައެވެ. އޭނާ ވިދާޅުވެފަިއވަނީ އަންނަ ހަފުތާ ފެށުމާއެކު މި މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހު އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމަށް ޔަޢުޤޫބު ޢައްޔަންކުރެއްވީ، ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތެވެ. ކައުންސިލުގެ މަޤާމު ޤަބޫލުކުރައްވައި އެ މަޤާމުގެ ފަތްކޮޅާވެސް ޔަޢުޤޫބު ހަވާލުވެވަޑައިގަތެވެ. ނަމަވެސް 15 ވަނަ ދުވަހު އޭނާ މަޤާމުން އިސްތިއުފާދެއްވީ އެ މަޤާމުގައި ހުންނެވުމުގެ ޤާނުނީ ޞައްޙަކަމާމެދު ސުވާލު އުފެދުމުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ "ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ އަންނަނި ވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ" ކަމުގައެވެ. އެ އަކުރުގައި މަޖިލިހުގެ މެންބަރުންނަށް އަދާކުރުން މަނާކޮށްފައިވާ ވަޒީފާތަކަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އިތުރު ވަޒީފާ ހިމެނެއެވެ. މި މާއްދާގެ މައްޗަށް ބިނާކޮށް "ދިޔަރެސް"އަށް މައުލޫމާތުދެއްވި ޤާނުނީ ވަކީލަކު ވިދާޅުވެފައިވަނީ ޔަޢުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމުގައެވެ. އެގޮތުން އޭނާ ވިދާޅުވީ އިއްޔެ ޔަޢުޤޫބު ހަވާލުވެވަޑައިގެންނެވި ވަޒީފާއަކީ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާ ކަމުގައެވެ. އެގޮތުން ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓަކީ ޗާޑާޓް އެކައުންޓެންޓުނގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުން މަޖިލިހުގެ މެންބަރު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ޙަވާލުވެވަޑައިގަތުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައެވެ. އަދި އެ ހިސާބުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުޠުތައް ގެއްލޭނެ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މަޖިލިހުގެ ދާންދޫ ދާއިރާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ