ކޮވިޑް-19ގެ އަލާމާތްތައް ހުއްޓާ، ކުޅޭށާއި ކޮފީއަށާއި އޮފީހަށް ވެސް!

ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށުމުން ވެސް ބައެއް މީހުން ކުޅޭށާއި ކޮފީތަކުގެ އިތުރުން އޮފީހަށް ވެސް ނުކުމެ އެހެން މީހުންނާ ބައްދަލުކުރާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމުން އިއުލާންކުރި ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއްދިނުމާ އެކު ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް މިހާރު ވަނީ ހުޅުވައިފަ އެވެ. އަދި އާންމުންގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ބައެއް ޕޮޒިޓިވް ކޭސްތައް ފެނުނު އިރު އެމީހުންގެ އަލާމާތްތައް ހުންނަތާ ދެތިން ދުވަސް ވެފައިވާ ކަމަށެވެ. އެކަމަކު އެ އަލާމާތްތަކާ އެކު ވެސް އެމީހުން އޮފީހަށާއި ބޭރަށް ގޮސް އެހެން މީހުންނާ ބައްދަލުކޮށް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާރު ފެންނަ ބައެއް ބަލިމީހުންގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު ލަފާކުރެއްވެނީ އެމީހުން ވަގުތު ހޭދަކުރަމުން އައީ ކޮވިޑް-19ގެ ކުރިން އުޅުނު އާންމު ދިރިއުޅުމުގައި ކަމެވެ. ނަމަވެސް މި ބަލިމަޑުކަމުގައި އެހެން އުޅެވެން ނެތްކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށް، އޭނާ ވިދާޅުވި އެވެ.
"މިހާރު ފެންނަ ބައެއް ކޭސްތަކުގައި އެބަ ހުރޭ ދިހަ ވަރަކަށް މީހުންނާ އެކު ކުޅެން ގޮސް، ކުޅެ ނިންމާފައި އަނެއްކާ ކޮފީއަށް ގޮސް. މިހެންވީމަ ވަރަށް ބައިވަރު މީހުން ކޮންޓެކްޓުންނަށް އެބަ ވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް އަމަލްތައް ހުރުމުން ކޮންޓެކްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ގިނަ ފަހަރު އެ ކޮންޓެކްޓުން ހޯދާއިރު އެމީހުން ތިބެނީ ސްކޫލްތަކުގައި ނުވަތަ އޮފީސްތަކުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޮކްޑައުން އުވާލީމާ ކޮންމެ ބަޔަކު ވެސް މަސައްކަތަށް ނުކުންނާނެތީ ކޮންޓެކްޓުން ފެންނާނީ އެ މާހައުލުންކަން ކުރިން ވެސް އެނގެ އެވެ. ވަކި ޝަރުތުތަކަކާ އެކު ލޮކްޑައުން އުވާލީ ވެސް އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކޮންޓެކްޓުން އިތުރުވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތައް ކަމަށްވާ މާސްކް އެޅުން އަދި ގައިދުރުކަން ފަދަ ކަންކަމަށް ސަމާލުކަން ނުދޭތީ އެވެ.
"ދެ މީހުން ވެސް ރަނގަޅަށް މާސްކު އަޅައިގެން ތިން ފޫޓު ދުރުގައި ތިބެ ވާހަކަދައްކާ ހެދިޔަސް އަދި އެއީ ކޮންޓެކްޓެއް ކަމަކަށް އަޅުގަނޑުމެންނެއް ނުބަލާނަން" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ