އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ޒިޔަތު ހައްޔަރުކޮށްފައި ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ މައްސަލައިގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. ޒިޔަތު ވަނީ ހަތަރު ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށް ފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފަ އެވެ. އެމްއެމްޕީއާރްސީގެ އޮފީސް ވެސް މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެ އެވެ. ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ