ރައީސް މައުމޫނު ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްފައި، މިހާލަތުގައި ވެސް ޖާބިރު ދެއްކެވީ ފައިސާގެ ވާހަކަ!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެކަން ހާމަ ކުރެއްވީ، ރައީސް މައުމޫން އަމިއްލަ ފުޅަށް ކުރެއްވި ޓުވީޓަކުންނެވެ.
ވިދާޅުވެފައިވަނީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެކަން ހާމަކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި އެކި ފަރާތްތަކުން ވަނީ ސޯޝަލް މީޑީއާގައި ލިޔަން ފަށައިފައެވެ.
ނަަމަވެސް، އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، ޑީއާރުޕީގެ މިހާރުގެ ލީޑަރު އަދި ކާށީދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ފަރާތުން ފެނިގެން ދިޔައީ މުޅިން ތަފާތު ކަމެކެވެ. ބޭ އަދަބީ ކަމެކެވެ.
ރައީސް މައުމޫނުގެ ދަރިކަލުން، އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނަށް ފޯނުން ގުޅުއްވި ފަދަ ގޮތަކަށް، ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އޯޑިއޯއެއްގައި ވިދާޅުވެފައިވަނީ ޣައްސާނުގެ ބައްޕަ އަށް ކޮވިޑް ޖެހުނު ވާހަކަ އަޑުއެހިން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ނަމަވެސް ރައީސް މައުމޫނު އަވަހާރަވުމުގެކުރިން ގޭގެ ރަޖިސްޓްރީ ދެއްވަން ވާނެ ކަމަށާއި ޣައްސާންގެ ބައްޕަ ވަޅުލުމުގެކުރިން އެކަން ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައްޕަގެ ދަރަންޏަކީ ޒިންމާ އުފުލަން ޖެހޭނެ އެއްޗެއް ނޫންކަމަށް ޣައްސާން ވިދާޅުވި ނަމަވެސް ތަރިކަ މުދަލުން އޭނާގެ ހައްގު ދޭން ޖެހޭނެ ކަމަށާއި، ރައީސް މައުމޫނު އޭނާގެ އަތުން 29 މިލިޔަން ނަންގަވާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
" އާދެ ޣައްސާން އިނގޭތޯ، އަޅުގަނޑު ޖާބިރު އިނގޭތޯ، ބައްޕައަށް ކޮވިޑް ޖެހުނުވާހަކަ އަޑުއެހިން، އަޅުގަނޑު ހިތާމަކުރަން އިނގޭތޯ، ރަޖިސްޓްރީ ދޭންވާނެ އިނގޭތޯ، ބައްޕަ ވަޅުލުމު ކުރީގައި އެކަން ހަމަޖައްސަން ޖެހޭނެ، ސުބްހާނަ ﷲ، މަނިކުފާނު ވިދާޅުވި ބައްޕަގެ ދަރަންޏަކީ ތިމަންނަ ޒިންމާ އުފުލަން ޖެހޭނެ އެއްޗެއް ނޫނޭ، ރާއްޖޭގެ ވެރިކަމަށް އަންނަންތާ ތިއަޅެނީ. މައުމޫން އަބްދުލްގައްޔޫމަށް ކޮވިޑް ޖެހިއްޖެކަމުގެ ހަބަރުތައް އަޅުގަނޑު އަޑުއަހަމުން މިދަނީ މަނިކުފާނު ހަނދާން ބަހައްޓައްޗޭ ތަރިކަ މުދަލުން އަޅުގަނޑުގެ ހައްގު ދޭންވާނެ އޮނަތިރީސް މިލިޔަންތާ ބައްޕަ ނަގާފައި ވަނީ،" ޖާބިރުގެ އޯޑިއޯގައި ވިދާޅުވެފައި ވެއެވެ.
ޖާބިރުގެ އެ ވާހަކަތަކާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިސްތެރޭގައި ޖާބިރު ކިޔުއްވި އެއްޗިއްސަކީ ސަމާސާ ކަމަށް ހީކުރެއްވި ނަމަވެސް، އާއިލާއަށް ދިމާވެފައި މިއޮތް ހާސްކަމުގެ ވަގުތު ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވައިފި ކަމަށެވެ. އެކަމާ ވަރަށް ދެރަވެއްޖެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
"މަޖިިސްތެރޭގައި (ޖާބިރު) ކިޔުއްވި އެއްޗެހި ސަމާސާކަމަށް ހީކުރިން، އެކަމަކު އަޅުގަނޑުމެންގެ އާއިލާއަށް ދިމާވެފައި މިއޮތް ހާސްކަމުގެ ވަގުތު، ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވައިތިލެއްވީ، ވަރަށް ދެރަވެއްޖެ، ކޮންމެ ދިރުމެއްވެސް ނިމިދިއުން ހުރީ އެކަލާނގެ ހަޒުރަތަށް،" ޣައްސާނުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ