ޖަރުމަނު އަވަށެއްގައި ބަންގީގެ އަޑު ހިމޭންކުރަން ހުށަހެޅި މައްސަލަ ކޯޓުން ބަލައިނުގަތް

ޖަރުމަނުވިލާތުގެ ކުޑަ އަވަށެއްގެ މިސްކިތުގައި މުދިމުގެ ބަންގީގެ އަޑު ހިމޭންކުރުމުގެ އަމުރަކަށް އެދި އެ ޤައުމުގެ ކޯޓަކަށް ހުށަހެޅި މައްސަލަ، ފަސް އަހަރު ދުވަހަށް ދެމިގެންދިއުމަށްފަހު ކޯޓުން ބުދަދުވަހު ބޭރުކޮށްފިއެވެ. ތުރުކީގެ އިސްލާމީ ކޮމިއުނިޓީއަށް އަނެއްކާވެސް އަޑުގަދަކުރާ ބޭނުންކޮށެގެން ޖަރުމަނުގެ ރަށެއް ކަމުގައިވާ އޮއެރްއެކެންޝްވިކް އަވަށުގައި ހުންނަ މިސްކިތުގައި ބަންގި ގޮވަން ފެށޭނެއެވެ. މި އަވަށަކީ ޖަރުމަނުގެ އުތުރުގެ ސްޓޭޓެއް ކަމުގައިވާ ރައިން-ވެސްޓްފާލިއާގެ އަވަށެކެވެ. މި އަވަށުގެ ބައެއް ރަށްވެހިން މިސްކިތުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގި ގޮވުމަށް ދީފައިވާ ހުއްދަ ބާޠިލުކުރަން ކޯޓަށް މައްސަލަ ހުށަހެޅީ 2015 ވަނަ އަހަރުއެވެ. އެ އަޑުގަދަކުރާ ބޭނުންކުރަން ހުއްދަ ދީފައިވަނީ ކޮންމެ ދުވަހެއްގެވެސް މެންދުރު ނަމާދުގެ 15 މިނިޓުކުރިންނާއި ހުކުރުދުވަހު މެންދުރު 2 ޖަހާއިރުއެވެ. ކޯޓަށް މި މައްސަލަ ހުށަހެޅުމާއެކު، އެ މިސްކިތުން ބަންގީގެ އަޑު ފަސް އަހަރުގެ މުއްދަތަކަށް ކެނޑިގެންދިޔައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މި މިސްކިތާ 900 މީޓަރު ދުރުގައި ދިރިއުޅޭ ދެމަފިރިއެކެވެ. އެމީހުން ބުނެފައިވަނީ ބަންގީގެ އަޑުގެ ސަބަބުން އެމީޙުންގެ ދީނީ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށެވެ. މުއެންސްޓާގެ ކޯޓުން އެ ދެމަފިރިންގެ ޒުވާބުތައް ބަލައިނުތުމަށް ނިންމިއެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރު އެނެޓް ކްލެއިންޝްނިޓްގާ ވިދާޅުވީ ކޮންމެ މުޖުތަމަޢެއްގައިވެސް އެހެން މީހުން އެ މީހުންގެ ދީނަށް އުޅޭ އުޅުން ތިމާއަށް ބައެއްފަހަރު އިހުސާސުވާނެކަން ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެހެން މީހުންގެ މައްޗަށް އެބައެއްގެ ދީން މަޖުބޫރުނުކުރާނަމަ، މިފަދަ ޝަކުވާކުރުމަށް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ހުކުމުގައި ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ