"އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން އަޅުގަނޑު ހާމަނުކޮށްފިނަމަ ނޭނގޭނެ މައުލޫމާތު ހިމެނޭ"

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޙިޔާނާތާއި ގުޅިގެން ހާމަ ނުކުރައްވައިފިނަމަ ނޭނގޭނެ ފަދަ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ކުރީގެ ނައިބްރައީސް އަހުމަދު އަދީބް އަބްދުލް ޢަފޫރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ ޙިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އިބްތިދާޢީ އަޑުއެހުންތައް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ދައުވާ އިއްވެވުމަށްފަހު އަދީބުއަށް ފުރުސަތު ދެއްވުމުން އަދީބު ވަނީ އެ ހުރިހާ ދައުވާތަކަކަށް ވެސް އިއުތިރާފުވާކަމަށް ވިދާޅުވެފައެވެ.
ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ، މިހާރު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވާފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދެއްވުމުގައި އެއްބާރުލުން ދެއްވާނެކަން އަދީބު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅިގެން އަދީބު ހާމަ ނުކުރައްވައިފިނަމަ ނޭނގޭނެ ފަދަ މައުލޫމާތުތައް ހިމެނޭ ކަމަށެވެ. އަދި ދައުލަތާއި އަދީބާ ދެމެދު ވެވިފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތުތައް ދައުލަތާ ހިއްސާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް އަދީބު ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ސަރުކާރުން އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލަ ބަލައި، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން އޮތްކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ، ކުރީ ސަރުކާރުން މި މައްސަލަ ބަލަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ މި މައްސަލައިގައި ވަކި ބަޔަކު ޒިންމާ ކުރުވުމަށްކަން އަދީބު ފާހަގަ ކުރެއްވިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.
މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އަދީބުއާ ދެމެދު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ