އިންޑިއާ ކަނޑަށް ނިސްބަތް ނުވާ ގައުމެއް އައިސް އަތްގަދަ ކުރުމަކީ ފައިދާ ހުރި ގޮތެއް ނޫން: މަޖިލިސް ރައީސް
އިންޑިއާ ކަނޑަށް ނިސްބަތް ނުވާ ގައުމެއް އައިސް މި ސަރައްހަދަށް އަތް ގަަދަ ކުރުމަކީ ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. އެ ހިތޯބުގައި ޗައިނާގެ ނަން ވިދާޅު ނުވެ، އެމަނިކުފާނު ވަނީ ޗައިނާއަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ކަނޑަށް ނިސްބަތްނުވާ ގަމަކުން މި ކަނޑުގެ ސަރަހައްދަށް އަތް ގަދަކޮށްފިނަމަ ތާރީހުން ފެންނަން އޮތް މަންޒަރު ވަރަށް ސާފު ކަމަށާއި އެއީ އެންމެ ފާއިދާ ހުރި ގޮތް ނޫން ކަމަށެވެ. "އިންޑިއާ ކަނޑުގެ އައްސޭރިން ބޭރުން، އެކަނޑުގެ ތެރެއަށް ވަދެ މިކަން ކުރުމަށް އެއްވެސް ގައުމަކަށް ދޫކޮށްފިނަމަ، ތާރީހު ފެންނަ އޮތް މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ސާފު. ހޮޅިންނަށް ވިޔަސްް، ޕޯޗިގޯޒުންނަށްވިޔަސް، އިނގިރޭސީންނަށްވެސް، މި ކަނޑަށް އައްސޭރި ނުވަނީސް މި ކަނޑުގައި އައިސް އަތްގަދަކޮށް އުޅުމަކީ، ދިވެހީން ގަބޫލުކޮށްފައި އޮތް ހަގީގަތެއް. [އެއީ] ދިވެހީންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތައި ރައްކާތެރިކަމަކީ، އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހުއްޓިފައި އޮތީ ދިވެހީންގެ އަމަލުތަކުގެ މައްޗަށް ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު މިއަދުވެސް ތަކުރާރު ކުރެއްވިއެވެ. "އިންޑިއާ ކަނޑުގެ މައްޗަށް ބާރުފޯރުވަން އުޅޭ އެއްވެސް ބަޔަކަށް އެކަން ނުވެ، ދިވެހީންނާއެކު އެއްބަސްވުންތަކެއް ނުވެގެން. އިނގިރޭސީން އައުމުގެ ކުރީގައި އިންޑިއާ ކަނޑުގައި އޮތް ބާރެއް ވިއްޔާ އޮތީ ދިވެހީންނާއެކުގައި، ކޮންމެވެސް އެއްބާވަތެއްގެ މުއާމަލާތް ހިންގުމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން މިހާހިސާބަށް ކަށަވަރުކޮށްފައި އޮތީ، މި ސަރައްދުގެ ގައުމުތަކުންނެވެ. އެގޮތުން ރާއްޖެއަކީ، އިންޑިއާ ކަނޑުގެ ބައިވެރިއެއް ކަމަށާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަމަލުތައް ބަހައްޓަން ޖެހޭނީ ބުއްދިވެރިކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަން ދިވެހީން ހިފަހައްޓަނެ. އެކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން. ދިވެހީން އަތުން މި މިނިވަންކަން ގުޑުވާލެވޭނެ، ވަކި އިތުރު ބާރެއް، ވަކި އިތުރު ގޮތެއް އޮތް ކަމަށް އަޅުގަނޑަކަށް ނުފެނޭ،" ތާރީހަށް އަލިއަޅުވާލައްވަމުން ރައީސް ނަޝިދު ވިދާޅުވީ ކުރީގައި އިންޑިއާގެ ކަންނަންނޫރުގެ ވެރިންނާއި ރާއްޖޭގެ ރަދުންނާ ގާތްގުޅެއް އޮންނަ ކަމަށެވެ. "ބައެއް ފަހަރަށް ރުޅިވެރިކަމުން، އަނެއްބައި ފަހަރަށް ލޯބިން، އަނެއްބައި ފަހަރަށް [ގާތް ގުޅުން އޮތް]. ކަންނަންނޫރު ބީބީގެ ސިޓީ ފުޅުތައް ދިވެހި ރަދުންނަށް ފޮނުވާފައިވާ ދިވެހި ރާއްޖޭގެ ތާރީހީ ފަތްފުއްތަކުގަޔާއި އިންޑިއާ އާއި އިނގިރޭސި ވިލާތުގެ އެކިއެކި އާކައިވްސްގައި މިއަދު ވެސް ފެންނަން އެބަހުރި،" ރައީސް ނަޝީދު ވިދާޅުވިއެވެ. މިނިވަން ދުވަހުގެ ހިތޯބުގައި ނުސީދާކޮށް ޗައިނާއަށް ރައީސް ނަޝީދު ހަމަލާތަކެއް ދެއްވި އިރު، މީގެ ކުރިންވެސް ޗައިނާއަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނު ވަނީ ފާނޑުކިޔާފައެވެ. އެގޮތުން ކުރީ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނު ތަކަކީ، ދަރަނީގެ ދަންތުރައެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރައްވައެވެ. އަދި ލޯނުތަކާ ގުޅިގެން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާއި ރައީސް ނަޝީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ