ދީނީ އިލްމުވެރިންނާ ސީޕީ ބައްދަލު ކުރައްވައިފި

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، އިލްމުވެރިންގެ ގުޅުމުގެ އިސް ބޭފުޅުންނާ މިއަދު ބައްދަލްކުރައްވައިފި އެވެ.
މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓްގެ މައްސަލާގައި ކޮމިޝަނަރު އޮފް ޕޮލިސްއާ ބައްދަލްކުރެއްވުމަށް އިލްމުވެރިންގެ ގުޅުމުން މީގެ ހަ މަސް ދުވަސް ކުރިން ވަނީ ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީއަށް ހަ މަސްވީއިރުވެސް ޖަވާބެއް ލިބިފައިނުވާތީ މިމަހުގެ ނުވަވަނަ ދުވަހު އެ ގުޅުމުން ވަނީ ސިޓީއަށް އަވަސް ޖަވާބެއް ދިނުމަށް އެދި އިތުރު ސިޓީއެއް ފޮނުވާފައެވެ.
މީޑިއާތަކުގައި އެ ވާހަކަތައް ފެތުރިފައިވަނިކޮށް ސީޕީ މިއަދު ވަނީ އިލްމުވެރިންގެ ގުޅުން ތަމްސީލްކުރައްވާ ފަސް އިލްމުވެރިއަކާ ބައްދަލްކުރައްވާފައެވެ.
މި ބައްދަލްވުމުގައި އިލްމުވެރިން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅު އެޅުން ފަސްވެފައިވާތީއާ އެ ޖަމިއްޔާ އުވާލި ނަމަވެސް އަދިވެސް ހަރަކާތްތެރިވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އުތެމަ ކިޔާ ޖަމިއްޔާއަކުވެސް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހިމަނައިގެން ރިޕޯޓެއް ލިޔެފައިވާތީ އެކަމާވެސް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރިއެވެ.
ފުލުހުން ބުނީ އިލްމުވެރިންގެ ގުޅުމުން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ސީޕީ ދެއްވާފައިވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށެވެ.
މިއަދުގެ ބައްދަލްވުމުގައި އައްޝައިހް އަލީ ޒާހިރުއާ އައްޝައިހް މުހައްމަދު ލަތީފް އަދި ޝައިހް މުހައްމަދު ނިމާލްގެ އިތުރުން ޝައިހް ޒަމްޒަމް ފާރިސްއާ އައްޝައިހް އަބްދުﷲ ބިން މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީއެން ރިޕޯޓްގައިވާ ދީނާ ހިލާފު ވާހަކަތައް އާންމުންގެ ސަމާލުކަމަށް ގެނައީ އިލްމުވެރިންނެވެ. އަދި އެ ޖަމާއަތަށް ފިޔަވަޅު އަޅާ އެ ޖަމާއަތް އުވާލާފައިވަނީ އިލްމުވެރިންނާއި ރައްޔިތުން ކުރި ޕްރެޝަރުގެ ސަބަބުންނެވެ. އެ ޖަމާއަތް އުވާލި ނަމަވެސް ބޭދީނީ އެ ރިޕޯޓް ލިޔުނު މީހުންނަށް އަދިވެސް ފިޔަވަޅެއް ނާޅައެވެ.
މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީވެސް ކުރިން އެމްޑީއެންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ޖަމާއަތް ތަމްސީލް ކުރުމަށް ބައެއް ބައްދަލްވުމުގައި ހަމީދު ބައިވެރިވެވަޑައިވެސް ގެންފައިވެއެވެ. ނަމަވެސް ސީޕީގެ މަގާމަށް ވަޑައިގަތުމަށްފަހު އެމްޑީއެންގެ އެއްވެސް ހަރަކާތެއްގައި ހަމީދު ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ