އެމްޕީ ރިޒާ ހެދީ ދޮގު، ރިޒާގެ ކުންފުންޏަށް ވަނީ އިތުރަށްވެސް ފައިސާ ދީފަ: ސީލް މޯލްޑިވްސް

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށުގެ ޑިވެލޮޕަރު ފައިސާ ނުދޭތީ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާން ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ ވަކީލުން ދޮގު ކޮށްފިއެވެ.
ސީލް މޯލްޑިވްސް ތަމްސީލް ކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒް ކުންފުނި ތަމްސީލްކުރާ ލޯކްރާފްޓުން ނެރުނު ބަޔާނުގައި، މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް އެ ބަޔާނުގައި ބުނާ ދެ އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ.
އެގޮތުން ސީލް މޯލްޑިވްސްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުންތަކުން ރިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްްފައި އޮތީ ބޮޑުފިނޮޅުގެ މައްސަކަތުގެ ކުޑަ މިންވަރެއް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވުމުން ދައްކަން ޖެހެނީ 12.3 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް މިހާތަނަށް ރިޒް ކުންފުންޏަށް 21.8 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ސީލް މޯލްޑިވްސް އިން ބުނެއެވެ.
އެހެންކަމުން، އެ ކުންފުންޏަށް މުވައްޒަފުންގެ މުސާރަ ނުދެވޭން ޖެހޭ ސަބަބެއް ނޭނގޭކަމަށާއި އެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ޒިންމާ ސީލް އާ މަތިކޮށްފައި ވަނީ ކޮން މަގްސަދެއް ހާސިލުކުރުމުގެ ގޮތުން ކަން ސާފު ނުވާ ކަމަށް ސީލް މޯލްޑިވްސް އިން ބުނެއެވެ.
ލޯކްރާފްޓްގެ ބަޔާނުގައި އިތުރައް ބުނީ ތަނުގައި ތިބި މުވައްޒަފުން ޓްރެފިކް ކުރުވަން އުޅޭ ކަމަށް ބެލެވިދާނެކަމަށް ބުނެ ސީލް އަށް ތުހުމަތުކޮށްފައި ވިޔަސް އެއީ ލޯކްރާފްޓްގެ މުވައްކިލް ރިޒްގެ މުވައްޒަފުން ކަމަށާއި މުސާރަ ދޭންޖެހެނީ ވެސް ކޮންޓްރެކްޓަރު ރިޒް ކަމަށް ސީލްގެ ވަކީލުން ބުނެއެވެ. އަދި މުޒާހަރާކޮށް މާރާމާރީ ހިންގައި ހެވީ މެޝިނަރީތަކަށް ގެއްލުން ދިނުމާ ގުޅިގެން، އެކަން ޑިވެލޮޕަރުގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން ރޭ އެރަށަށް ދިޔަ ފުލުހުން ކޮންޓްރެކްޓަރުގެ މުވައްޒަފުންގެ އަތުގައި، ޑޮކިއުމަންޓްތައް ނެތުމުގެ ސަބަބުން، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ދަތިތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އަދި އެކަން އިތުރަށް ބެލި ބެލުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ އިންޝުއަރެންސް ކަންކަންވެސް ކޮންޓްރެކްޓަރުގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާކަމަށާއި، ވޯކް ވިސާ ވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ފާހަގަކުރެވޭ ކަމަށް އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައި ބުނެއެވެ.
ސީލް އާ ހަވާލާދީ އެ ކުންފުނީގެ ވަކީލުން ބުނީ ކޮންޓްރެކްޓަރަށް ދޭންޖެހޭ އިތުރު ފައިސާއެއް މިހާރު ނެތް ކަމަށާއި ނަމަވެސް އެ ދެބަސްވުން ހައްލުކުރުމަށް އިއްޔެއާ ހަމަ އަށް ވެސް ވާހަކަ ދެކެވެނު ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރު އެކި ހުށަހެޅުންތައް ހުށަހަޅަމުން ގޮސް، ރަށުން މުވައްޒަފުން ބާލާނީ އިތުރަށް އެއް މިލިއަން ރުފިޔާ ދިނުމުން ކަމަށް ބުނެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ބޮޑުފިނޮޅުގައި ހިނގި ހަމަނެޖެހުންތައް ރޭ ފަތިހު ކޮންޓްރޯލްކޯށް އެ ރަށުގައި ހިފަހައްޓާފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ. ހަމަނުޖެހުން ހިންގި ކަމަށް ބެލެވޭ 19 މީހަކު މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ