މީޑިއާތަކުން ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ގަގީގަތާ އެއްގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އުތުރުގެ ތިން އަތޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ކުރި ދަތުރު ނިންމާލުމަށް ފަހު މާލެވަޑައިގެން ރަސްމީ ފާލަން ސަރަހައްދުގައި މީޑިއާ އާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުން ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި އެކަން ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ ނޫސްވެރިންނަށާއި މީޑިއާގެ ބޭފުޅުންނަށް ހަގީގަތް ރައްޔިތުންނަށް އަންގައިދޭށޭ. ވަކިފަރާތަކަށް ބުރަ ނުވެ ހަގީގަތް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވަން އެބަ ޖެހޭ. މީޑިއާތައް އެބަޖެހޭ ފައިންޓިއުން ކޮށްލަން. ވަކި ފަރާތަކަށް ނުޖެހި ހަގީގަތް ގެނެސްދޭން އެބަ ޖެހޭ،" ވީ ޓީވީގެ މަސްއޫލުވެރިކަން ވެސް ކުރައްވާ ގާސިމު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ނޫސްވެރިން ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ކުރިން އެ ގެނެސްދޭ ހަބަރެއްގެ ތެދެ ދޮގު ސާފުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ހަބަރަކާއި މައުލޫމާތެއް ގެނެސްދިނުމުގެ ކުރިން އެ ހަބަރާއި މައުލޫމާތަކާ ގުޅޭ ގޮތުން ދިރާސާތަކެއް ނޫސްވެރިން ހަދަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޫސްވެރިންނަކީ ރައްޔިތުންނަށް ކަންކަމުގައި ނަސޭހަތްތެރިވާން ޖެހޭ ބައެއް ކަމަށާއި އެހެންކަމުން އެކަން ކޮށްދެއްވުމަށް ނޫސްވެރިންގެ ކިބައިން ގާސިމް އެދިވަޑައިގެންނެވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެކަމުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އެހެންކަމުން މީޑިއާތަކުން އެކަމުގެ ހަގީގަތް ރައްޔިތުންނާ ޙަމައަށް ގެނެސް ދިނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގެ މީޑިއާ އިން ވަކިފަރާތަކަށް ނުޖެހި ރައްޔިތުންނަށް ހަގީގަތް ބުނެދޭންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ