ރާއްޖޭގައި އަދާކުރާނެ ވަޒީފާއެއް ނުލިބިގެން އެއްވެސް މީހަކު ހުންނަން ނުޖެހޭނެ ކަމަށާއި ވަޒީފާ އަދާކުރަން ބޭނުންވާ ކޮންމެ މީހަކަށް ވަޒީފާ ހޯއްދަވައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް މީހަކު ކުރާނެ މަސައްކަތެއް ނެތިފައި ހުންނަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ނުހުންނާނެ ކަމަށެވެ.
"ރާއްޖޭގައި އެބައުޅޭ ވަރަށް ގިނަ މީހުން ވަރަށް ގިނަ ޒުވާނުން ކުރާނެ މަސައްކަތެއް ނެތިފައި އަދާކުރާނެ ވަޒީފާއެއް ނެތިފައި. އިރާދަކުރެއްވީއްޔާ އަޅުގަނޑެމެން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނުލިބިފައި އަދާކުރާނެ ވަޒީފާއެއް ނެތި އެއްވެސް މީހަކު ހުންނާކަށް ނުޖެހޭނެ. ރާއްޖޭގައި ވަޒީފާ އަދާކުރާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ވެރިކަމެއްގައި ވަޒީފާ ހޯދައިދޭނަން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމެއް ތަރައްގީ ކުރެވޭނީ އިންސާނީ ވަސީލަތްތައް ތަރައްގީކޮށްގެން ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ތައުލީމީ ނިޒާމަކާއި ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް އަންހެނަކު ބިކަވެ ދަތިހާލުގައި ވިއްސަން ނުޖެހޭނެ ކަމަށާއި އެކަމަށް ޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައި ފަސޭހައިން ވިއްސޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިހާރު ރާއްޖޭގެ ސިއްހީ ނިޒާމް ގޮސްފައިވާ ހަލަތަކީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ފަދަ ހާލަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ބޭސް ލިބެން ނުހުންނަ ކަމަށާއި މާބަނދު އަންހެނުންނަށް ވިއްސޭނެ ނިޒާމެއް ގިނަ ރަށްރަށުގައި ނެތް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައްޔިތުން އެމަނިކުފާނާ ރާއްޖޭގެ ވެރިކަން ހަވާލު ކުރައްވައިފި ނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހެޔޮ އަގުގައި ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި ބޮޑު ބައްޔެއް ޖެހިގެން އެ ބައްޔަށް ބޭސް ނުކުރެވި ގޮސް ދަތިހާލުގައި އެއްވެސް މީހަކު މަރުވިޔަ ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އަންހެނުންނަށް ހާއްސަ އަހަންމިޔަތެއް ދެއްވާނެ ކަމަށާއި އެގޮތުން އަންހެނުން ބާރުވެރިކުރުވުމަށް އެ މީހުންނަށް އާމުދަނީ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަކީ ހަމައެކަނި ގޭގެ ބަދިގޭގައި ތިބެން ޖެހޭ ބައެއް ނޫން ކަމަށާއި އެ މީހުންނަކީ ގައުމު ބިނާކުރުމުގައި އެންމެ މުހިންމު ދައުރު އަދާ ކުރަމުންދާ މީހުން ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ އަށް އާރޯކަމާއި އުޖާލަން ގެނެސްދޭނެ ކަމަށާއި މުޅި ރާއްޖެ އާ އުސްމިންތަކަކަށް ގެންގޮސް ދެއްވާނެ ކަމަށެވެ.
ވަޒީފާ އަދާކުރަން ބޭނުންވާ ކޮންމެ މީހަކަށް އަޅުގަނޑު ވަޒީފާ ހޯދައި ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ