ސުޕްރީމް ކޯޓުގެ އަމުރަކީ މިހާތަނަށް ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް: ރައީސް

ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މިހާތަނަށް ރާއްޖެއަށް ގެންނަ އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މިހާތަނަށް ރާއްޖެ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް ކަމަށެވެ. ސަރުކާރަށް ބޭރުގެ އެކިއެކި ގައުމުތަކުގެ ޖަމިއްޔާ ޖަމާއަތްތަކުން ކުރިމަތިކުރި ފިއްތުއްތަކާ ހެދި މި އަމުރާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އެމަނިކުފާނަށް ފަސޭހަ ކަމަކަށް ނުވި ކަމަށްވެސް ވިދާޅުވި އެވެ.
އާ ކައިވެންޏަކަށް އަންހެން ކުއްޖަކު ތައްޔާރު ކުރާ ފަދައިން ސުޕްރީމް ކޯޓު އޮތީ އެމަނިކުފާނު މަގާމުން ދުކުރުމަށް ތައްޔާރު ކޮށްފައި ކަމަށާއި މި ކަމުގެ އަޑީގައި ތިބީ އިއްޒަތްތެރިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ވަރަށް އިއްޒަތްތެރި ބަޣާވާތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ މަތީ ކޯޓުގެ ނިންމުމަކީ އަބަދުވެސް އެންމެ ފަހުގެ ނިންމުން ކަމަށްވާއިރު ކޯޓުތަކުން ގާނޫނާ ހިލާފް ކަމެއް ނިންމަފާނެ ކަމަށް ވިސްނައި ދިނުމަކީ ފަސޭހަ ކަމަކަށް ނުވި ކަމަށެވެ. މި އަމުރުގެ ތެރޭގައި ހުރީ ކޮންކޮން މައްސަލަތަކެއް ކަމެއް ބޭރު ދުނިޔޭގެ ފަރާތްތަކުން ބަލަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން މި އަމުރަށް ގޮންޖަހާލާ ތަންފީޒު ނުކުރެވުނީ ކީއްވެގެން ކަމެއް ބޭރުގެ ފަރާތްތަކަށް ވިސްނައި ދިނުން ސަރުކާރަށް ފަސޭހަ ކަމަކަށް ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭރުގެ ފަރާތްތަކުގެ ވިސްނުމުގެ މީޒާނަކަށް ނާދޭ ސުޕްރީމް ކޯޓުން އެ ގައުމުތަކުގައި އެވަރުގެ ނުރައްކާތެރި ކަމެއް ކޮށްފާނެ ކަމަކަށް. އެވަރުގެ ޖައްބާރު ކަމެއް ކޮށްފާނެ ކަމެއް، އެއީ އެ މީހުންގެ ހިޔާލަށް ގެންނާނެ ކަމެއް ނޫނޭ، އެ ފަރާތްތަކުން އެންމެ ފުރަތަމަ ވެސް ނިންމާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ތަންފީޒު ނުކުރާނީ ވަރަށް ގޮތް ދޫނުކުރާ ވަރަށް ޖައްބާރު ސަރުކާރެކޭ." ރައީސް ވިދާޅުވި އެވެ.
އެ އަމުރު ތަންފީޒު ކުރި ނަމަ ރާއްޖެ އޮންނާނީ މުޅި އުމުރަށް ހިތާމަ ކުރުމުގައި ކަން ފާހަގަކުރައްވާ ރައީސް ޔާމިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ކުށެއް ނެތިގެން ދޫކޮށްލާ މީހުންގެ ތެރޭގައި ރިޔާސީ ލޯންޗްކޮޅު ގޮއްވާލައި އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންދޭން މަސއްކަތް ކުރި މީހާވެސް ހިމަނާފައިވާ ކަމަށެވެ. އެއީ އެތަށް ބަޔަކަށް ގެއްލުންދީ މަގުމަތި އިތުރަށް ހަލަބޮލި ކޮށްލަން ކުރިކަމެއްތޯ ވެސް ރައީސް ވަނީ ސުވާލު ކުރައްވާފަ އެވެ.
ރައީސް ޔާމިން ވިދާޅުވި ގޮތުގައި ދައުލަތް ގޮތް ހުސްވާ ހާލަތަކަށް ގެންގޮސް، ރާއްޖެއަށް ގެއްލުން ދޭން އުޅުމަކީ ބޮޑެތި އަދަބު އެކަމަށް ދޭންޖެހޭ ކަމެއް ކަމަށެވެ.
ބޭރު ދުނިޔޭގެ އެކި ފަރާތްތަކުން ރާއްޖޭގައި މިހާރު ހިންގަމުންދާ ކަންތަކުގެ ތެރެއަށް ވަންނަމުންދާކަން ފާހަގަކުރައްވާ ރައީސް ޔާމިން ވިދާޅުވީ އދގެ ރަސްމީ އެޖެންޑާގެ ތެރެއަށް ރާއްޖޭގެ މައްސަލަ ވައްދަން ރެއާ ހަމައަށް ވެސް މަޝްވަރާ ކުރި ކަމަށާއި އެކަމުގައި ރާއްޖެ ދިފާއުކޮށްދިނީ ރަޝިޔާއާއި ޗައިނާއާއި ސައުދީ އަރަބިއްޔާ އެކަނި ކަމަށެވެ. އެހެންކަމުން މި ތިން ގައުމަކީ ރާއްޖޭގެ އެންމެ ގާތް ރަހްމަތްތެރިން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހާ ހަމައަށް ރާއްޖޭގެ މައްސަލަ ގެންގޮސް، ނުބައި ތަސައްވުރެއް އުފެއްދުމުގެ ހުރިހާ ފުރުސަތެއް އޭރު އޮތީ ހޯދާފައި ކަމަށެވެ. ދެން ވިދާޅުވީ އެއީ ރާއްޖެއަށް ހިތި ނަތީޖާއެއް ލިބޭނެ ކަމެއްކަން އެކަން ރޭއްވެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ފަސޭހައިން ކަންކަމުގައި ގޮތް ދޫކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ