ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލަށް ރޭ ބަދަލުކުރީ އެމަނިކުފާނު ގަދައަށް ހުން އައިސްފައި ހުންނަވަނިކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ހައްޔަރުކުރި މައުމޫން ފުރަތަމަ ބެހެއްޓީ ފުލުހުންގެ ކަސްޓޯޑިއަލެއް ކަމަށްވާ ދޫނިދޫގަ އެވެ. އެކަމަކު ރޭ ވަނީ މާފުށީ ޖަލަށް އެމަނިފާނު ބަދަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރިޔާޒް ކުރެއްވި ޓްވީޓެއްގައިވަނީ ރޭ މައުމޫން މާފުށީ ޖަލަށް ގެންދިޔައީ އިއްޔެ އެމަނިކުފާނު ވަރަށް ގަދައަށް ހުން އައިސްފައި ހުންނަވަނިކޮށް ކަމަށާއި މާފުށީ ޖަލަކީ ބޭސްފަރުވާގެ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ހުރި ތަނެއް ނޫން ކަމަށެވެ. އެކަމަކީ މައުމޫންގެ ފުރާނަފުޅަށް ނުރައްކާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ރިޔާޒްގެ ޓްވީޓްގައިވެ އެވެ.
President @maumoonagayoom was having high fever yesterday, last night he was transfered to Maafushi, a prison with limited medical facility! I hope this is not a deliberate act to threaten his life! He is innocent and he must be freed! Urge enforcement agencies to act within law! https://t.co/Q12gjqoWIH— Abdulla Riyaz MP (@riyazabdulla) February 9, 2018
ރިޔާޒްގެ ޓްވީޓްމައުމޫން މާފުށީ ޖަލަށް ބަދަލު ކުރުމުން އެމަނިކުފާނުގެ ވަކީލް ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މައުމޫންގެ ވަކީލް މައުމޫން ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައިވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން، ތަހުގީގަކަށް ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށާއި މާފުށީ ޖަލަކީ ކަސްޓޯޑިއަލް ޖަލެއް ނޫން ކަމަށެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނާ ފަދަ ކަސްޓޯޑިއަލް ޖަލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ވެސް މައުމޫން ހަމީދުގެ ޓްވީޓްގައިވެ އެވެ.
މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ބައެއް ގާނޫނުތައް ސަސްޕެންޑް ކޮށްފައިވީ ނަމަވެސް، ޖަލުތަކާއި ޕެރޯލްގެ ގާނޫނު ސަސްޕެންޑް ކޮށްފައިނުވާ ކަން މައުމޫންގެ އެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެ އެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މައުމޫން މާފުށީ ޖަލަށް ބަދަލުކުރީ ގަދައަށް ހުން އައިސްފައި ހުއްޓާ: ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ