ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް ސަރުކާރުން އިހްތިރާމް ކުޑަކުރި މައްސަލަ އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން އިހްތިރާމް ކުޑަކުރި މައްސަލައިގެ އިތުރުން، ވަކިވަކި ފަނޑިޔާރުންނަށް ބިރުދައްކައި ކުރިމަތިކުރަމުންދާ ފިއްތުންތައްވެސް ކޯފީ އަނާން ނެރުއްވި ބަޔާނެއްގައި ކުށްވެރި ކުރައްވާފައި ވެއެވެ.
މިބާވަތުގެ އަމަލުތަކަކީ ގާނޫނީ ހުކޫމަތު ގާއިމްކުރުމަށާއި، މިނިވަންކަމާއެކު ޖުޑިޝަރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ އަމަލުތަކެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި، ޔާމީންގެ ސަރުކާރުގެ ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ދެމުންގެންދާ ހަމަލާތަކަށް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށްވެސް ކޯފީ އަނާންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ޕާލަމެންޓާއި، ފުލުހުންގެ މުއައްސަސާ މިނިވަންކަމާއެކު މަސައްކަތްކުރުން ހުއްޓުވައި، އެ މުއައްސަސާތަކަށް ލިބިދީފައިވާ އިޚްތިޔާރުތައްވެސް ނިގުޅައިގެންފައިވާ ކަމަށް އަނާން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ކުއްލި އަމުރުގެ ގާނޫނީ އިޢްލާން ކުރިކުރުން ބޮޑަށް ބެލެވިފައިވަނީ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށާއި، އެކަމަކީ ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރެއްވުމަށް ކުރައްވާފައިވާ ކަމެއް ކަމަށްވެސް އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ގާނޫނީ ހުކޫމަތަށް ރުޖޫއަވެ، ސުޕްރީމް ކޯޓުގެ އިއްތިފާގުން ފުރަތަމަ ނެރުނު އަމުރަށް ކިޔަމަންވުމަށާއި، ސިޔާސީ ހުރިހާ ހައްޔަރީން މިނިވަން ކުރުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އަޅުގަނޑު ދިވެހި ސަރުކާރަށް ގޮވާލަން" ކޯފީ އަނާންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކުރެވޭފަދައިން ފިޔަވަޅުތައް އެޅުމަށާއި، އެ ކަށަވަރުކަން ރައްޔިތުންނަށް ލިބޭނީ މިނިވަން ކަމާއި، ހަރުދަނާ ކަމާއެކު މަސައްކަތްކުރާ މުއައްސަސާތަކެއް ހުރެގެން ކަމަށްވެސް އަނާން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ޑިމޮކްރަސީއާއި، ސަލާމަތާއި އަދި ރާއްޖޭގެ ކުރިއެރުން މިހާރު އޮތީ ގޯސް ފައްތަރެއްގައި ކަމަށާއި، އެހެންކަމުން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކަށް ފިޔަވަޅެއް ނާޅައި ބައިނަލްއަގްވާމީ މުޖުތަމައު ކުޅިބަލަން އޮވެގެން ނުވާނޭ ކަމަށްވެސް ކޯފީ އަނާން ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ފުރަތަމަ ނެރުނު އަމުރަށް ކިޔަމަންވުމަށް ކޯފީ އަނާން ސަރުކާރަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ