ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާ ބައްދަލު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޖަލަށް ވަޑައިގެންނެވުމުން، މައުމޫނު ހޫނު ރައްދެއް ދެއްވައިފިއެވެ.
ރައީސް މައުމޫނު ހައްޔަރުކުރީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. މައުމޫނު މިހާރު ހުންނަވަނީ މާފުށީ ޖަލުގައެވެ. ރައީސްގެ މަންދޫބެއްގެ ގޮތުން މިނިސްޓަރު ޑރ. މުއިއްޒު، ޖަލަށް ވަޑައިގެން ރައީސް މައުމޫނާއި ބައްދަލު ކުރެއްވީ އިއްޔެއެވެ.
މުއިއްޒާއެކު މައުމޫނު ދެއްކެވި ވާހަކަތައް، މައުމޫނުވަނީ މައުމޫނުގެ ގާނޫނީ ވަކީލުންނާ ހިއްސާ ކުރައްވާފައެވެ.
ރައީސް މައުމޫނާއި މުއިއްޒު ބައްދަލު ކުރެއްވުމުން "މުއިއްޒަށް ކުރު ދޮށިން ދެއްވާފައިވާ" ކަމަށް މައުމޫނު ވިދާޅުވި ކަމަށް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް ވިދާޅުވިއެވެ.
ރައީސް މައުމޫނާއި މުއިއްޒު ދެއްކެވި ވާހަކަތައް ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ މީޑިއާތަކަށް ހިއްސާ ކުރައްވާފައެވެ.
ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް ވިދާޅުވީ މުއިއްޒު ޖަލަށް ވަޑައިގެންނެވީ ރައީސް މައުމޫނުގެ ހާލުކޮޅު ބައްލަވަން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ގޮތްދެއްކެވުމުގެ އަމަލެއް ކަމަށް މުއިއްޒަށް މައުމޫނު ދެންނެވި ކަމަށް މައުމޫނު ވިދާޅުވި ކަމަށެވެ.
މުއިއްޒު މައުމޫނާއި ބައްދަލު ކުރެއްވުމުން މައުމޫނުގެ ހިތްޕުޅުގައި ހުރި އުދާސްތަކާއި ޝަކުވާތައް ބޭރުކޮށްލެއްވި ކަމަށާއި މުއިއްޒު ޖަލަށް ވަޑައިގެންނެވީ މައުމޫނުގެ ހާލުކޮޅު ބައްލަވަން ކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ނުކުރައްވާ ކަމަށް މައުމޫނު ވިދާޅުވި ކަމަށް ޝަމީމް ވިދާޅުވިއެވެ.
މައުމޫނު ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ވެސް މައުމޫނު ހައްޔަރުކުރަން ކަމަށާއި އެކަން ރައީސް ޔާމީން ކުރެއްވީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް، މުއިއްޒު އަރިހު މައުމޫން ދެންނެވި ކަމަށް ޝަމީމް ވިދާޅުވި އެވެ.
ވަގުތުން ދޫކޮށްލުމަށްވެސް އެ ބައްދަލުވުުމުގައި މައުމޫނު އެދިވަޑައިގެންނެވި ކަމަށް ޝަމީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޑރ. މުއިއްޒު ބައްދަލު ކުރައްވާ އެބޭފުޅުން ހާލުކޮޅާއި ހުންނަވާ ތަނާބެހޭ މައުލޫމާތު އޮޅުން ފިލުވި ކަމަށް މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފުސީލެއް މިނިސްޓަރު މުއިއްޒު ހާމައެއް ނުކުރައްވައެވެ.
މައުމޫނު ޝަކުވާ ކުރައްވަމުން ގެންދެވިއިރު ޑރ. މުއިއްޒު އިންނެވީ އެއްވެސް ވާހަކައެއް ނުދައްކަވައި، އަޑު އައްސަވަން ކަމަށް މައުމޫނު ވިދާޅުވި ކަމަށް ވަކީލް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މިނިސްޓަރު މުއިއްޒު މައުމޫނާ ބައްދަލުކުރެއްވީ ވަކީލުންގެ ޓީމުން މައުމޫނާ ބައްދަލުކުރަން ޖަލަށް ދިޔަ ފަހުންނެވެ.ނަމަވެސް "އެކްޓިވިޓީއެއް" ހިނގާ ކަމަށް ބުނެ ވަކީލުންގެ ބައްދަލުވުން ފަސްކުރި ކަމަށާއި ޖަލުގައި ތިއްބަވާ ބޭފުޅުންނާ ވަކީލެއް ނެތި ދައުލަތުގެ އިސް ބޭފުޅުން ބައްދަލުކުރެއްވުމަކީ ކަންބޮޑުވެ ވެވަޑައިގަންނަވާ ކަމެެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.
މުއިއްޒަށް ރައީސް މައުމޫނު ދިނީ "ކުރު ދޮށިން": ވަކީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ