ހުވަދު އަތޮޅަށް މިސަރުކާރުން ދެނީ ނިކަމެތިކަން: އަބްދުﷲ ޝާހިދު

ހުވަދު އަތޮޅުގެ ރައްޔިތުންނަށް މި ސަރުކާރުން ދެނީ ނިކަމެތިކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕާޓީތަކުން މިރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މި ސަރުކާރު އައި ފަހުން، އެތައް ދަތިތަކެއް ހުވަދޫގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ކަމަށެވެ.
ގދ. އަތޮޅަށް ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވާ ކަންތައްތަކަށް އެ އަތޮޅުގެ ރައްޔިތުން އިހުލާސްތެރި ވާން ޖެހޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު، މީގެ ކުރިން ދެއްކެވި ވާހަކަ ދައްކަވާފައިވާއިރު ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދުގެ ދެއްކެވި ވާހަކަގައި ވަނީ އެކަމަށްވެސް އަމާޒު ކުރައްވާފައެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ މަސްވެރިން ބާނާ މަހުންވެސް ބޮޑު ބައެއް މިހާރު ނުކިރުވޭ ކަމަށް ވިދާޅުވެ އެއީ ސަރުކާރުގެ އިހުސާންތެރިކަންތޯ ސުވާލު އުފައްދަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވިއިރު، ހުވަދޫ އަތޮޅަށް ދޮޅުހާސް ހައުސިން ޔުނިޓް އަޅަން ފާސްކުރި ކަމަށެވެ.
"އޭގެ ތެރެއިން 750 ޔުނިޓް، އެ ވިދާޅުވާ އިހްސާންތެރި ސަރުކާރުން ދަމައިގަނެގެން ގެންދިޔައީ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކުން މީހުން މާލެއަށް ދިރިއުޅުން ބަދަލުކުރުމަށް ރައީސް ޔާމީން ދައުވަތު ދެއްވާފައިވާއިރު އެ ދައުވަތު ގަބޫލު ނުކުރުމަށް އަބްދުﷲ ޝާޙިދު ވަނީ ގޮވާލައްވާފައެވެ. އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ ސަރުކާރުގެ އިހްސާންތެރިކަން ނޫން ކަމަށާއި އެ ދައުވަތަކީ ހުވަދު އަތޮޅު ފަޅުކޮށްލުމުގެ ދައުވަތު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ