ހޯމް މިނިސްޓަރު އުމަރު ނަސީރު ކޮމިޓީއަށް ވަޑައެއްނުގެންނެވި

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދު ބައްދަލުވުމަށް ހާޒިރުވާން ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެންގުމުން ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގެންނެވި އެވެ.
މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ ބައްދަލުވުމުގެ ދެވަނަ ދަންފަޅި ހަވީރު 4:00 ޖެހިއިރު ފަށަމުން ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމިޓީން މިއަދު ބާއްވަން އޮތް ބައްދަލުވުމަކަށް ހާޒިރުވާން ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އަދި މާފުށީ ޖަލުގެ އިސްވެރިންނަށް އަންގާފައިވާނެ ކަމަށެވެ.
"ނަމަވެސް އެބޭފުޅުން މިއަދު ކޮމިޓީއަކަށް ހާޒިރެއް ނުވި. ހާޒިރުނުވި ސަބަބެއް ވެސް މަޖިލީހަކަށް ނެތް އަންގާފަ އެެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އުމަރު ނަސީރު މިއަދު ހުންނެވީ ބ. އަތޮޅުގަ އެވެ. އުމަރު ބ. އަތޮޅަށް ވަޑައިގެންނެވީ ސަރުކާރު ކޯލީޝަނުގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށް ވެސް އެނގިފައިވެ އެވެ.
ކޮމިޓީއަށް ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އަދި މާފުށީ ޖަލުގެ އިސްވެރިން ހާޒިރުވާން އެންގީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައި ދެ ގައިދީއަކު މާރާމާރީ ހިންގާ އެތަނުން އެއް ގައިދީއަކު ވަރަށް ބޮޑަށް ޒަހަމްވި މައްސަލަ ބަލައިދިނުން އެދި ކޮމިޓީގެ ތިން މެންބަރަކު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ.
އަލީ ވަހީދު ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް ހޯމް މިނިސްޓަރު ވަޑައިނުގެންނެވުމުން އަންނަ ހޯމަ ދުވަހު ވެސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ހޯމް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވާން އަންގާނެ ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ވަގުތެއް އަލީ ވަހީދު ވިދާޅުވެފައެއް ނުވެ އެވެ.
ހޯމް މިނިސްޓަރު ކަމާއި އުމަރު ނަސީރު ހަވާލުވެޑައިގެންނެވި ފަހުން މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވާން އުމަރަށް އެންގެވި މިއީ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ފާސްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާއި ބެހޭ ގާނޫނުގެ ދަށުން މަޖިލީހަށް ހާޒިރުވާން އެންގުމުން މަޖިލީހަށާއި ކޮމިޓީތަކަށް ހާޒިރުވެ މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބުދިނުމަކީ ކުރަންޖެހޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ