ހުމާމް މަރަން ކުރި ޙުކުމަކީ ސުޕްރީމް ކޯޓުގެ ބޭއިންސާފު ކަމުގެ އެންމެ ބޮޑު ރަމްޒު – ނަޝީދު

ހުމާމް މަރަން ކުރި ޙުކުމަކީ ސުޕްރީމް ކޯޓުގެ ބޭއިންސާފު ކަމުގެ އެންމެ ބޮޑު ރަމްޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ދަށު ކޯޓުން އިއްވާފައިވާ ޙުކުމަށް ތާއިދުކޮށް ހުމާމް މަރަން ސުޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ "(ހުމާމް މެރުން) ހުއްޓުވުމަށް ހުރިހާ ރައްޔިތުން ތެދުވަން ޖެހޭ" ކަމަށެވެ.
ހުމާމް މަރަން ސުޕްރީމް ކޯޓުން ރޭ ޙުކުމް އިއްވިއިރު އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީޤު ނުނިމެނީސް ހުމާމް މަރަން ނުފެންނަ ކަމަށް ބުނެ އަފްރާޝީމްގެ ބައްޕަ އާއި އަފްރާޝީމްގެ ވާރިސަކު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް އެސިޓީ ކޯޓުން ބަލައި ނުގަތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ހުމާމް މަރަން ސުޕްރީމް ކޯޓުން ޙުކުމް ކުރި ނަމަވެސް މަރަން ޙުކުމް ކުރާ މީހުންގެ އަދަބު ތަންފީޒު ކުރުމާއި ބެހޭ ޤަވައިދު ބުނާ ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން ވާރިސުންގެ ބަސް އިސްލާމިކް މިނިސްޓްރީން ހޯދަން ޖެހެއެވެ. އެންމެ ވާރިސަކު ވެސް ގާތިލަށް މަޢާފް ދީފި ނަމަ އޭނާ މަރުގެ ޙުކުމުން ސަލާމަތް ވާނެއެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައި ވަނީ 1953 ވަނަ އަހަރުގެ އޭޕްރިލް 07 ވަނަ ދުވަހުއެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހެދިކަމަށް ބުނާ ހަކީމް ދީދީ ކިޔާ މީހެއްގެ މައްޗަށެވެ.
ހުމާމްގެ މައްޗަށް މަރުގެ ޙުކުމް މިއިއްވީ ހަކީމް ދީދީ އަށް މަރުގެ އަދަބު ދިންތާ 63 އަހަރާއި ދެމަހާއި 17 ވަނަ އަށް ވީދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ