ޕީޕީއެމްގެ ގައުމީ ޖަލްސާ އިން ނޫން ގޮތަކަށް ޕާޓީގެ ރައީސްކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުރުކުރެވިގެން ނުވާނެ ކަމަށް އެ މަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަަރުގެ ކުރީގެ ނައިބު ޔުމްނާ މިގޮތަށް ޓުވީޓް ކުރެއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން މައުމޫން ދުކުރަން އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ކޯޓު އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ މައުމޫން ރައީސް ކަމުން އެކަހެރިކުރަން ޕީޕީއެމްގެ ކައުންސިލްގެ މައްޗަށް އަމުރު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެއާ އެކު، ޕާޓީގެ ހިންގުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދަށާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެ ޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމު ކުރަން ވެސް އެދިވަޑައިގެންފައިވެ އެވެ.
ޔުމްނާ ވިދާޅުވީ މައުމޫން މަގާމުން ދުރުކުރެވޭނީ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
PPM ge Raees magaamun dhurukureveyny Gaumy Jalsaa ge 2/3 libigen. Ehen gothakah e manikufaanu dhurukurevigen nuvaane.— Yumna Maumoon (@yumna_maumoon) October 15, 2016
ޔުމްނާގެ ޓުވީޓް.ޕާޓީގެ ގައުމީ ޖަލްސާ ނުބާއްވައިގެން މައުމޫނަށް އަމާޒުކުރާ ފާޑުކިއުންތަކަށް ވެސް އޭނާ ވަނީ ރައްދު ދެއްވައިފަ އެވެ.
ޔުމްނާ ވިދާޅުވީ މިދިޔަ އަހަރު ބާއްވަން ޖެހޭ އެ ޕާޓީގެ ގައުމީ ޖަލްސާ ފަސްކޮށްފައި ވަނީ "މިނިވަން 50 އަހަރު [ޖަލްސާ ބާއްވަން] ދަތިވާނެ ކަމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވުމުން" ކަމަށެވެ.
މައުމޫނާ ދެކޮޅަށް ކޯޓަށް ވެއްދި މައްސަލައިގައި ބުނި ގޮތުގައި ޕީޕީއެމްގެ ރައީސަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޕާޓީ ހިންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަކު، އެއާ ހިލާފަށް، މައުމޫން ވަނީ ޕާޓީގެ ގުނަވަންތައް ސަސްޕެންޑް ކުރައްވައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅުއްވައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓުވާލައްވާފައި ކަމަށް އެ މައްސަލައިގައި ބުންޏެވެ.
މައުމޫން މަގާމުން ދުރުކުރަން ކޯޓަށް މައްސަލަ މި ވެއްދީ، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކަށް ހައްލެއް ނުލިބުމުންނެވެ. ޕާޓީ ރަސްމީކޮށް ދެ ފެކްޝަނެއްގެ ގޮތުގައި މިހާރު ހިންގަން ފަށާފައިވާއިރު، އެއް ބަޔަކު ނިންމާ ނިންމުމެއް އަނެއް ބަޔަކު ބަލައެއް ނުގަނެވެ.
ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރެވޭނީ ހަމައެކަނި ގައުމީ ޖަލްސާ އިން: ޔުމްނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ