ކޯވިޑް-19 : ފަރުވާ ލަސްވެގެން ނިޔާވި ކުއްޖާގެ މަރުގެ މައްސަލަ ތަޙުގީގުކޮށް މިރޭ ނިމޭނެ - ހެލްތު މިނިސްޓަރ

ފަރުވާ ދެވުން ލަސްވެގެން ރޭގެ ވަގުތެއްގައި ނިޔާވި ކުޑަކުއްޖާގެ މަރާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށާ އެމަސައްކަތް މިރޭ ނިމޭނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު އެމްރަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ ޢާއިލާއާއެކު އެކަހެރިވެ ހުރި ކުޑަކުއްޖެއްގެ ޙާލަތު ގޯސްވެ ފަރުވާ ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުއިރު ޙާލު ވަރަށް ސީރިއަސްވިކަމަށެވެ. އަދި ފަރުވާ ދެމުން އަންނަނިކޮށް އެކުއްޖާ ނިޔާވުމުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން މިރޭގެ ވަގުތެއްގައި ނިމޭނެކަމަށާއި އެއާއެކު މައްސަލައިގެ ރިޕޯޓު ޢާއްމުކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު އޮތްކަމަށް ޤަބޫލުކުރައްވާކަމަށާ، އިހުމާލުވިބަޔަކު ހޯދައި ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގައި ޚުދު މިނިސްޓަރުގެ އަމިއްލަފުޅު އިހުމާލެއް އޮތްތޯވެސް ބައްލަވާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވެ ޢާއިލާއާއި އެކު އެކަހެރިވެ ހުއްޓާ ކުއްލިއަކަށް ނޭވާލާން އުނދަގޫވެ ނޭފަތުން ލޭއައިސް ހޭނެތިގެން ހޮސްޕިޓަލަށް ގެންދެވުނުއިރު ޢުމުރުން 10 އަހަރުގެ ކުއްޖެއްގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވެ ހިތާމަވެރި އެތައް ކަމެއް ހިންގަމުން އަންނައިރު ޢާއްމުންގެ ގިނަ ކަންބޮޑުވުންތަކެއްވެސް މިކަމުގައި އެބަހުއްޓެވެ. އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅުމުން އެންމެ އެކަށޭނެ ގޮތަކަށް ޖަވާބު ނުލިބުމާއި އެމަރޖެންސީ ޙާލަތުގައި އެމްބިއުލާންސް ނައުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މިމައްސަލަތަކާއި ގުޅިގެން ހެލްތު މިނިސްޓަރ ވިދާޅުވީ ކޯލް ސެންޓަރުގެ މައްސަލައަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.
މިހާރު ކޯލް ސެންޓަރާއި ގުޅިގެން ހުރި މައްސަލަތައް މާދަމާ ޙާއްލުވާނެކަމަށެވެ. މީގެއިތުރުން އެމްބިއުލާންސް ގަތުމަށް މިހާރު 105 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި މިމައްސަލަ ޙައްލުވާނީ އަންނަ މަހުގެ ފަހުކޮޅުކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ