ޓޫރިޒަމް ދާއިރާގެ އެންމެންނަށް ވެކްސިން ދޭން ހާއްސަ ކެމްޕޭނެއް ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ގައި މަސައްކަތްކުރާ އެންމެންނަކީ ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމަށް "އައިއެމް ވެލްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއް ރާއްޖެއިން ލޯންޗު ކޮށްފި އެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕެއިނުގެ މަގުސަދަކީ ދުނިޔޭގައި ފުލީ ވެކްސިނޭޓެޑް ޓޫރިޒަމެއް ގާއިމު ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެ ހެދުމެވެ. މި ކެމްޕެއިނުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ހާއްސަ ބެޖެއް ދޭނެ އެވެ. "އައިއެމް ވެކްސިނެޓެޑް ކެމްޕެއިނުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކާ ވެކްސިން ޖަހާފައިވާ ފަރާތެއްކަމަށް ހަދާ، އެކަމަށް ހިތްވަރުދީ، ރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާ އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ޓޫރިޒަމެއް ގާއިމް ކުރާ ގައުމަކަށް ވެވޭތޯ ބެލުން،" އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި އެވެ. ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރަން ތައްޔާރުވެފައިވާއިރު ފާއިތުވި ދުވަސްތަކަކީ ސިނާއަތަށް ގޮންޖެހުންތައް ކުރިމަތިވި ދުވަސްތަކެއް ކަމަށެވެ. ނަމަވެސް ޓްރެވަލް ރާޑަރުން ރާއްޖެ ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެމްއެމްޕީއާރުސީ އިން ހާލަތާ ގުޅޭ ގިނަ މަސައްކަތްތައް ކުރިކަން ތޮއްޔިބު ފާހަގަ ކުރެއްވި އެވެ. މިވަގުތު ފަތުރުވެރިން ދަތުރުކުރާއިރު އެންމެ ބޮޑަށް ބަލާ ކަމަކީ ސިއްހީ ރައްކާތެރިކަން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ދާއިރާއަށް ވުމަކީ ފަތުރުވެރިންގެ ހިތްތަކުގައި ރާއްޖެއާމެދު އޮންނަ އިތުބާރު އިތުރުވެ، ހުރިހާ ގޮތަކުންވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޔަގީންވާނެ ކަމެއް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. "ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަކީ ފުލީ ވެކްސިނޭޓެޑް ދާއިރާ އަކަށްވުމުން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބޭ ފުރިހަމަ ބާރަކަށް ވެގެންދާނެ،" ތޮއްޔިބު ވިދާޅުވި އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ބެޖު ދޭނެ އެވެ. އެކަން އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާ ކެމްޕެއިނުތައް ހިންގާ، ފުލީ ވެކްސިނޭޓެޑް ޓޫރިސްޓް އެސްޓެބްލިޝްމެންޓުތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީ އިން އާންމު ކުރާނެ އެވެ. ރާއްޖޭގައި ޓޫރިސްޓު ރިސޯޓުތަކުގައި މަސައްކަތްކުރާ 99 ޕަސެންޓު މުވައްޒަފުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 8،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ