ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއްނެތް: ރައީސް މައުމޫން

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަަށް ބަދަލުކުރަން ރާއްޖޭގައި ޖާގަ ނެތްކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ރޭ ބޭއްވި "އާސްކު ސްޕީކާ" ޕްރޮގްރާމްގައި، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއްކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނުކޮށެެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޙާލަތާ އެންމެ ގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ.
ދިވެހި ރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީ ނިޒާމުކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތްކަމަށެވެ. އަދި އެކަން ވަރަށްސާފުކަމަށެވެެ.
"އާސްކު ސްޕީކާ" ގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ބޮޑުވަޒީރެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގައި އެދޭނެ ކަމަށެވެ.
އަދި ބޮޑުވަޒީރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ތާ އަބަދަށް މަޖިލީހަށް ޖަވާބުދާރިވުމުން ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށާއި އެގޮތުން ތަރައްގީގެ ދުވެލި ވެސް މާ ބާރަށް ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ބަދަލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެ ބަދަލު ގާނޫނު އަސާސީ އަށް ގެނެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ސޯލިހު ދެކޮޅު ނުހައްދަވާ ކަމަށާއި، ރައީސް ނަޝީދުގެ އެއްވެސް ކަމަަކަށް ރައީސް ސޯލިހު ދެކޮޅު ނުހައްދަވާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޕީޕީއެމްވެސް ތާއީދުކުރާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން ގާނޫނު އަސާސީއަށް ބަދަލު ގެނެވޭނެ ކަމަށާއި ބޮޑުވަޒީރުކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެނިންމުން ނިންމާއިރު އެމަނިކުފާނުގެ ނަން ވެސް ބޮޑުވަޒީރަކަށް ވާން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނުމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ