އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމުވެފައި ހުރުމަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާ ސިޔާސަތެއް ނޫން: ޑީއެމްޑީ ލަމްޢާން

އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމުވެފައި ހުރުމަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިޔާސަތެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުއެކަނިވެސް ރާއްޖޭގެ 5 އަތޮޅަކަށް 5 ޖެނެރޭޓަރ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖެނެރޭޓަރތައް ޓެސްޓުކޮށް، އިންސްޓޯލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަހަރު ދުރާލާ ރަމަޟާންމަހަށް ވިސްނައިގެން މަސްކަތްތަކެއް ކުރެއްވި ކަމަށާއި އާދައިގެ މަހަކަށް ވުރެ ކަރަންޓު ބޭނުން ކުރާވަރުވެސް މި މަހު ގިނަވާނެތީ ކަރަންޓު ކެނޑިއްޖެއްޔާ ތަހައްމަލުކުރަން ޖެހޭ އުނދަގޫވެސް ބޮޑުވާނެ ކަމަށެވެ.
“ ދެން ވަކި މަހަކަށް ނޫން އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމެއް ކަރަންޓު ނުކެނޑި ޚިދުމަތް ލިބެމުން ދިއުން. ސްޕެއަރ އެއްނެތިގެން ޓެކްނިކަލް މީހަކު ނެތިގެން ޚިދުމަތް ލަސްވުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއްނޫން“ އޭނާ ވިދާޅުވިއެވެ.
މުހައްމަދު ލަމްޢާން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަމަސައްކަތްތަކެއްކުރަމުން އަންނަ ކަމަށާއި ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް 5 އިންޖީނެއް އަތޮޅުތެރެއަށް ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން ދ. މީދޫއަށް 240 ކިލޯ ވޮޓު، ތ. ގުރައިދޫއަށް 600 ކިލޯ ވޮޓު، ލ. ގަމަށް 600 ކިލޯ ވޮޓު، ޅ. އޮޅުވެލިފުއްޓަށް 160 ކިލޯ ވޮޓު، އަދި ގއ. ނިލަންދޫއަށް 240 ކިލޯ ވޮޓުގެ ޖެނެރޭޓަރ ފޮނުވާފައިވާ ކަމަށް ލަމްޢާން ވިދާޅުވިއެވެ.
އިބްރާހީމް ރަމީޒްiibbey
http://atollnews.com
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ