ގއ. މާމެންދޫއިން ކަރަންޓު ކެނޑި، އަނދިރީގައި!

ގއ. މާމެންދޫއަށް ކަރަންޓު ދޭ އިންޖީނެއްގެ މައްސަލަ ޖެހި، މުޅި ރަށުން ކަރަންޓު ކަނޑައިގެން ގޮސްފި އެވެ.
މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް "އަވަސް"އަށް ވިދާޅުވީ އެ ރަށަށް ކަރަންޓުދޭ ދެ އިންޖީނުގެ ތެރެއިން 200 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރު ހަލާކު ވެގެން މިއަދު ހެނދުނު ކަރަންޓު ކަނޑައިގެން ދިޔަ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ކަރަންޓު ނުލިބޭ ކަމަށް ޒައީމް ވިދާޅުވި އެވެ.
"މިހާރު އިން ކުޑަ އިންޖީނުން އެކި ހިސާބުތަކަށް ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ލިބޭ، އެކަމަކު ބައިގަޑިއެއްހާ އިރު ތެރޭ އަނެއްކާ ވެސް ކަރަންޓު ކެނޑޭ،" ޒައީމް ވިދާޅުވި އެވެ.
އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން ސްޓާޓިން މޯޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިރޭ 12:00 ހާއިރު އެ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ޒައީމް ވިދާޅުވި އެވެ. ނަމަވެސް އެ ހަރުކޮށް މުޅި ރަށަށް ކަރަންޓު ލިބޭނެ ވަގުތެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފެނަކައިގެން ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ