ޒުވާނުންގެ ހިޔާލުތަކުން ފައިސާ ލިބިގަތުމަށް އުރީދޫ އިން އިންގިލާބީ ބަދަލެއް!

ޒުވާނުންގެ ހިޔާލުތަކަށް ބިނާކޮށް އުފައްދާ ސްޓާޓް އަޕް ކުންފުނިތަކުން އާންމުދަނީއެއް ލިބޭ ގޮތަށް ތައްޔާރުކުރި ނިރޫ އެކްސަލަރޭޓަރު އުރީދޫ އިން ރާއްޖޭގައި އިފްތިތާޙްކޮށްފި އެވެ.ނިރޫ އެކްސަލަރޭޓަރު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް. ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ ނިރޫ އެކްސަލަރޭޓަރު އިފްތިތާޙްކޮށްދެއްވިއިރު، އުރީދޫއިން ބުނީ ނިރޫ އެކްސަލަރޭޓަރާ އެކު ރާއްޖޭގެ މުޖްތަމަޢު ކުރިއަރުވަން އެކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި ނިރޫ އެކްސަލަރޭޓަރާ އެކު ދިވެހި ޒުވާނުންގެ ހިޔާލުތައް ވުޖޫދުވެ، އެ ހިޔާލުތައް ބިޔަ ބޮޑު މަޝްރޫޢުތަކަށް ހެދުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށެވެ.އެ ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއީ ދިވެހި ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ޕޮޓެންޝަލްގެ ބޭނުން ހިފުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށާއި މިކަމުންވެސް ރާއްޖޭގެ މުޖްތަމަޢު ކުރިއެރުވުމަށް ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ކުރާ މަސައްކަތް ހާމަވެގެންދާ ކަމަށެވެ.އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި، ޒުވާނުންގެ ހިޔާލުތައް ތަރައްޤީކުރުމަށް އެ ކުންފުނީގެ ފަރާތުން ހާއްސަ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބިގެން ދާނެ ކަމަށާއި އެއާއެކު، ޒުވާނުންގެ ހިޔާލުތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފިގެން ދާނެ ކަމަށް. އަދި އިނޮވޭޝަނުގެ ދާއިރާއިން ރާއްޖެއަށް ދުވަހަކުވެސް ނުލިބޭ ކުރިއެރުން އެއާއެކު ލިބިގެން ދާނެ ކަމަށްވެސް އުރީދޫ އިން މައުލޫމާތު ދެ އެވެ.އުރީދޫ އިން ބުނީ، ނިރޫ އެކްސަލަރޭޓަރާއެކު އެކުންފުނިން އިންވެސްޓްކުރާނީ އިންޓަރނެޓްގެ ޒަރިއްޔާއިން ބޭނުންކުރެވޭނެ ޕްރޮޑަކްޓްތަކަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުވިގެން ދާއިރު، މިއަހަރުގެ އޯގަސްޓް މަހު ބާއްވާ ހެކަތަން އަކާ އެކު، ޒުވާނުންގެ ހިޔާލުތައް ފާޅުކުރުމުގެ ފުރުސަތު ހުޅުވިގެން ދާނޭ ކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށެވެ.ނިރޫ އެކްސަލަރޭޓޭރު އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރގެ އިތުރުން ޔޫއެންޑީޕީގެ ރެޕްރެޒެންޓޭޓިވް ޝޯކޯ ނާޑާ އަދި އުރީދޫގެ އެހެނިހެން އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ