ސެޕްޓެމްބަރު ހަތެއްގެ ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު: މައުމޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު ހަތްވަނަ ދުވަހު ނަގާ ވޯޓުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އުތުރުގެ އަތޮޅުތަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާ އެކު ކުރެއްވި ކެމްޕެއިން ދަތުރުތައް ނިންމަވާލެއްވުމަށްފަހު މިރޭ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ދަތުރު ކުރެއްވި އަތޮޅުތަކުން ޕީޕީއެމްއަށް ވަރަށް ބޮޑު ތާއީދެއް އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"އުތުރުގެ ތިން އަތޮޅެއްގެ ހަތް ރަށަކަށް އަޅުގަނޑުމެން ދިޔައިން. އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނާ ވާހަކަދައްކައި އަޅުގަނޑުމެން މިއިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީ އަޅުގަނޑުމެންގެ އުސޫލުތަކާ ސިޔާސަތު ހާމަކޮށްދީ ހެދިން. ވަރަށް ރަނގަޅު ތަރުހީބެއް ހުރިހާ ރަށަކުންވެސް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެން އެނބުރި މިއައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާ އެކީގަ. އިރާދަކުރެއްވިއްޔާ، މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް މިހާރު އަޅުގަނޑުމެންގެ ހިތުގައި އެބައޮތް."
މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ވެސް ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި ކުރިއަށް އޮތްތާނގައި އިތުރު ރަށްތަކަށް ވެސް ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
"އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ ދެވަނަ ބުރަކަށް ދާކަށް ދެއްތޯ. އަޅުގަނޑުމެންވެސް ބޭނުމެއް ނުވޭ ދެވަނަ ބުރަކަށް ދާކަށް. އަޅުގަނޑުމެންނަށް މި ފެނުނު ތަރުހީބުން، އަޅުގަނޑުމެން މިދިޔަ ރަށްރަށުން ވަރަށް ބޮޑު ތަރުހީބު ޕީޕީއެމްއަށް ލިބުނު، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲޔާމީނަށާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަޙްމަދަށް ވަރަށް ބޮޑު ސަޕޯޓް އޮތްކަމަށް އަޅުގަނޑުމެންނަށް ފެނިގެން ދިޔަ. އެހެންވީމާ އަޅުގަނޑުމެންގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ހިނގައްޖެ. އިރާދަ ކުރެއްވިއްޔާ މިބޭއްވޭ އިންތިހާބުގައި ހަތެއް ސެޕްޓެމްބަރުގެ ވޯޓުން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނޭ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ "ލިބޭނޭ ވޯޓުގެ އަދަދު އިންތިހާބުގެ ކުރިން ދަންނަވަން ނޭނގޭ" ކަމަށާއި އެހެން ނަމަވެސް އިންތިހާބުގައި 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބޭނޭކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ރައީސް މައުމޫނަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ޔާމީނަށް ތާއީދު ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މައުމޫނު ވިދާޅުވީ، އެފަދަ ވާހަކަތަކެއް އަޑު އިވިވަޑައިގެންފައިވާ ކަމަށާއި އެކަމަކު އެހެން ވާނޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވެސް ތިވާހަކަ އެހިން. އެކަމަކު އަޅުގަނޑު މިދިޔަ ރަށްރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކި ވާހަކަތަކުގައި ބުނެފައި އޮންނާނެ، އަޅުގަނޑަށް ތާއީދު ކުރައްވަންޏާ އަޅުގަނޑު އެދެނީ ޔާމީނަށް ވެސް ތާއީދު ކޮށްދެއްވުމޭ. އެއީ ޔާމީނުވެސް ގެންގުޅުއްވަނީ ހަމަ އަޅުގަނޑުގެ ސިޔާސަތޭ، އަޅުގަނޑުގެ ފިކުރޭ. އެހެންވީމާ އަޅުގަނޑުމެންގެ ޕާޓީން މިގެންގުޅެނީ އެއް އުސޫލުތަކެކޭ، އެއް ފިކުރެކޭ. ކޮންމެ ބޭފުޅަކު ނިކުމެވަޑައިގަތަސް އެއީ ހަމަ ޕާޓީގެ ނަމުގައި ޕާޓީ ތަމްސީލު ކުރައްވާށޭ އެނިކުމެވަޑައިގަންނަވަނީ. އެހެންވީމާ އަޅުގަނޑަށް ތާއީދު ކުރައްވާ ކަމުގައި ވަންޏާ، އަޅުގަނޑުގެ ފިކުރަށް ތަރުހީބު ދެއްވާ ކަމުގައި ވަންޏާ، ޔާމީނަށްވެސް ވޯޓު ދެއްވާށޭ އަޅުގަނޑު ދެންނެވިން. އަދި ވަރަށްގިނަ ރައްޔިތުން އެގޮތް ގަބޫލުފުޅުވެސް ކުރައްވާނެ ކަމަށް އަޅުގަނޑު ދެކެނީ،" މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތާއީދަށްވުރެ މާބޮޑު ތާއީދެއް މިފަހަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގަންނަވާނޭ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ.
ޕީޕީއެމްއިން އެހެން ޕާޓީއަކާ ކޯލިޝަން ހެދުމާ ބެހޭގޮތުން ޕީޕީއެމްގެ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކޯލިޝަން އިއުލާނު ކުރައްވާނެ ކަމަށާއި އެމަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަ ގެންދަވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ވަރަށް އަވަހަށް އެކަން ނިމިގެން ދާނެހެން. ދެން ވަރަށް ކާމިޔާބު ގޮތެއްގައި ވާހަކަތައް ދެކެވެމުން މިދަނީ. އަޅުގަނޑު ލަފާކުރާގޮތުގައި ކުރިއަށް އޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އޭގެ އަމަލީ ކަންތައްތައް ފެނިގެންދާނެ،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެން އަދި ވާހަކަދައްކަމުން މިގެންދަނީ އެމްޑީއޭއާ އެކަނި." މައުމޫނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ