ދިއްގަރުގެ މެމްބަރު ނެތަސް، މެމްބަރުގެ ރޯލް އަދާކޮށްދެއްވާނަން: މެމްބަރު އަބްދުއްރަހީމް
ތަރައްޤީއާއި ކުރިއެރުން ލިބޭ ފިކުރާ އެކީ ކުރިޔަށް ދިޔުމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.މުލަކަތޮޅު ދިއްގަރުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖޫމްހުރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން އަމިއްލަ ރަށާއި މެދު ވިސްނަން ޖެހިފައިވާ ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީއަށް ވުރެ އިސްކުރަން ވާނީ އިސްލާމް ދީނާއި ޤައުމު ކަމަށެވެ. އަދި މި ޤައުމު މާތްވެގެންވާ އިސްލާމް ދީނުގެ ބިންގަލުގެ މަތީގައި ބިނާވެފައި އޮތް އިރު، އެކަން ހިމާޔަތް ކޮށްދޭން ޖެހޭކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ދިއްގަރު ދާއިރާގައި މި ވަގުތު މެމްބަރެއް ނެތްކަން ފާހަގަ ކުރައްވާ، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މެމްބަރަކު ނެތަސް މެމްބަރުގެ ރޯލް އަދާކޮށްދެއްވާނެ ކަމަށެވެ.އެކަމަށް އިޝާރާތް ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، މިއަދު ދިއްގަރު ދާއިރާގައި ފާރިސް ނެތުމުން އަބްދުއްރަހީމް އެދާއިރާގެ ކަންކަން ބަލަހައްޓަވަމުން އަންނަ ކަމަށެވެ. އަބްދުއްރަހީމް ވަނީ އެ ރަށުން ތަފާތު ބޮޑު ނަތީޖާއެއް ރިޔާސީ އިންތިހާބުގައި ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ. މެމްބަރު ވިދާޅުވި ގޮތުގައި، މިއަދު އެ ރަށުގައި ޖެނެރޭޓަރު ސެޓް، ބަށި ކޯޓު، ފުޓްސަލް ދަނޑުއާއި ބަނދަރު ފަދަ ތަންތަން ގާއިމް ކުރެވިފައިވާ ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވީ، ދިއްގަރުގައި މިއަދު އެމްޑީޕީގެ ވިސްނުމުގައި ހުރި ފަރާތްތަކުން ވެސް ވިސްނުން ބަދަލުކޮށްލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ރައީސް ކަމަށް އާ ބޭފުޅަކު ތަޖުރިބާ ކުރަން ޖެހޭ ސަބަބެއް ނެތް ކަން ހާމަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންއަށް އެންމެ ބޮޑު އިންސަތައެއް ހޯދައިދޭ އެއް ރަށައް ދިއްގަރު ހަދައިދެއްވަން ޖެހޭ ކަމަށެވެ.މީގެ އިތުރުން މިއަދު އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ރަނިންގް މޭޓް ނެގުމާއި އެކު ފާޑު ކިޔަމުން ދާތީ އަބްދުއްރަހީމް ވިދާޅުވީ މިއަދު ސިޔާސީ މައިދާނުގައި ތިބި އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމް ނުވާ ކަމަށެވެ.މީގެ އިތުރުން ކުރިޔަށް އޮތް ދައުރުގައި ނައިބް ރައީސް ކަން ލިބިވަޑައިގަންނަވާ ޑރ. ޝަހީމް ގެ ފަރާތުން ދިވެހި ރާއްޖޭގައި އިސްލާމީ ވަހުދަތު ދިރުވާ އާލާ ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ތަރައްޤީއާއި އެއްވަރަށް އިސްމާލީ ރިވެތި އުސޫލް ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާާތްތަކުން ދިވެހި އިލްމްވެރިން ކުލީ ޖަމާއަތަކައް ހަދައިދީފައިވާ ކަމަށެވެ. އެހެން ކަމުން މިފަދައިން ދީނަށް ހަޖޫ ޖަހާ މީހުންނާއި މެދު ވިސްނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސުލްހަ އާއި އެއްބައިވަންތަކަން ގާއިމްވެފައި އޮތީ ތަރައްޤީ ގެ މަގުގައި ތިބެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ