ހަވީރު 4 ޖަހަންވާއިރަށް ތިނަދުއަށް ކަރަންޓް ދެވޭތޯ ބަލަނީ
ތިނަދުއަށް ގެންދިޔަ ދެ ޖަނަރޭޓަރު ސަތާރަ ގަޑިއިރުގެ މަސައްކަތަށްފަހު އެރަށު އިންޖީނުގެއާއި ހަމައަށް ގެންގޮސް ކަރަންޓް ގުޅާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިއަދު ހަވީރު 4 ޖަހަންވާއިރަށް މުޅި ތިނަދުއަށް ކަރަންޓް ފޯރުކޮށްދިނުމަށްކަމަށެވެ. ސްޓެލްކޯއާއި އެމް.ޑަބްލިއު.އެސް.ސީން ތިނަދުއަށް ގެނެސްފައިވަނީ، ދެ ޖަނަރޭޓަރެވެ. އެއިން ކޮންމެ ޖަނަރޭޓަރަކީވެސް 1 މެގަވޯޓުގެ ޖަނަރޭޓަރެވެ. އެސް.ޓީ.އޯގެ ލޭންޑިންގ ކްރާފްޓެއްގައި އިއްޔެގެ ވަގުތެއްގައި ތިނަދުއަށް ގެންދެވުނު މި ދެޖަނަރޭޓަރު ބޭލުމުގެ މަސައްކަތް، ފުލުހުންނާއި ސިފައިގެ އެހީތެރިކަމާއެކު، ފެނަކަ ކޯޕަރޭޝަނާއި، މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓްގެ އިތުރުން އެމް.ޓީ.ސީ.ސީން ފަށައިގެންގޮސް ފުރަތަމަ ޖަނަރޭޓަރު ތިނަދޫ އިންޖީނުގެއާއި ހަމަ އަށް ގެންދެވުނީ، ރޭ ދަންވަރު 12:30 އެހާއިރުއެވެ. އެއީ ޓްރާންސްފޯމަރަކާއެކު ހުރި 27 ޓަނުގެ ޖަނަރޭޓަރެކެވެ. ދެންހުރި ޖަނަރޭޓަރުގައި 18 ޓަނު ހުރިއިރު މިޖަނަރޭޓަރުތައް ގެންގޮސްފައިވަނީ، ދެކޮޅުގައި ދެ އެކްސްކަވޭޓަރު ޖަހައިގެން ދަނގަޑު ހޮޅިތަށް މަތީގައެވެ. މިމަސައްކަތުގައި ފެނަކަކޯޕަރޭޝަނާއި، އެމް.އާރު.ޑީ.ސީން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރައްވާފައިވެއެވެ. މިމަސައްކަތަށް އިތުރު ހިތްވަރެއް ލިގެންދިޔައީ، ގައުމީ ކޮންމެ ކަމެއްގައިވެސް ހިތްވަރުގަދަ އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ސިފައިންނާއި ފުލުހުންގެ މިންނެތް މަސައްކަތުންނެވެ. ތިނަދޫ ރައްޔިތުންނަށްޓަކައި މި ޖަނަރޭޓަރުތަށް އުފުލުމުގައި މިދެފަރާތުން ދައްކުވައިދިނީ އާދަޔާ ޚިލާފު ރޫހެކެވެ.ކޮންމެއަކަސް ފެނަކައިގެ އިންޖިނިއަރުންގެ ޓީމުން ރޭ ފަތިހުން ފެށިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރަށަށް ކަރަންޓް ވީހަވެސް އަވަހަށް ފޯރުކޮށް ދިނުމަށެވެ. އެގޮތުން ކޭބަލް ގުޅުމާއި، އެނޫންވެސް ކުރަންޖެހޭ އިތުރު މަސައްކަތްތައް އެފަރާތްތަކުން ވަރަށް ބާރަށް ކުރިއަށްގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ