ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހުއްދަ ނެތި ކައުންސިލް ނުބާއްވަން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު މިއަމަރު ނެރިފައި ވަނީ، ޕީޕީއެމްގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ބުނެ އެޕާޓިން މިމިދިޔަ މަހުގެ 31 ވަނަ ދުވަހު ނެރުނު ނޫސްބަޔާނަކާ ގުޅިގެން އެޕާޓީގެ މަޖިލީހުގެ ދެ މެމްބަރަކު ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެންނެވެ. އެމައްސަލަ ކޯޓަށް ވެއްދި ޕީޕީއެމްގެ މަޖިލީސް ދެމެމްބަރުންނަކީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
އެ ދެ މެމްބަރުންގެ ފަރާތުން ކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ބާތިލްކޮށްދިނުމަށެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.
ސިވިލްކޯޓުން މިއަދު ނެރުނު އެ އަމުރު މައުމޫނާއި ޕީޕީއެމާއި އެ ޕާޓީގެ ކައުންސިލާއި އެ ޕާޓީގެ ހުރިހާ ގުނަވަންތަކާއި އެކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ރައްދުވެއެވެ.
މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން ސިވިލްކޯޓުން އަމުރު ކޮށްފައިމިވަނީ ނުރަސްމީ ދަތުރުފުޅެއްގައި މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނިކޮށެވެ.
ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް މައުމޫނުގެ އަތްޕުޅަށް ނެންގެވީ ބިޑް ނުކޮށް ރަށްތައް ދޫކުރުމުގެ ބިލު ފާސްކުރުމަށް ވޯޓު ނުދެއްވުމަށް ޕާޓީގެ މަޖިލިސް މެމްބަރުން ކިބައިން އެމަނިކުފާން އެދިފައިވަނިކޮށް އެ އެދުމަށް ގޮން ޖައްސަވައި ބިލް ފާސްކުރުމާ ގުޅިގެން ހިނގާދިޔަ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގަ އެވެ. އެހެން ކަމުން ޕީޕީއެމްގެ ތެރޭގައި ވަނީ މައްސަލަ ވަރަށް ހޫނުވެފައެވެ .
މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ