ހަނގުރާމަކުރަން ގޮސް ތިބި ދިވެހިންގެ އަދަދު ހަތަކަށްވުރެ ގިނަ - އުމަރު

ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވެ ހަނގުރާމަކުރަން ގޮސް ތިބި ދިވެހިންގެ އަދަދު ހަތަކަށްވުރެ ގިނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"މިހާރު އަޅުގަނޑުމެންނަށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރު 7 މީހުންނަށްވުރެ ގިނަ އަދަދެއް، ރާއްޖެއިން ބޭރުގައި އެކި އެކި ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން ގޮސް ތިބޭނެ ކަމަށް ލަފާކުރެވޭ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ސަރުކާރުން ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް އެކުލަވާލެވި ސަރުކާރުގެ އެކި އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަންގާ އެދާއިރާތަކުން އަޅަނީ ކޮން ކޮން ފިޔަވަޅުތަކެއްތޯ މޮނިޓަރަ ކުރެވޭނެ މެކޭނިޒަމްއެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ތައުލީމީ ދާއިރާގެ ތެރެއަށް ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިނުން ވަނަ ނުދިމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރޭގައި ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ތިބި ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި އެއީ ސިޔާސީ ބޭނުމުގައި ދައްކަމުންދާ ވާހަކައެއް ކަމަށެވެ.
ނަމަވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ފުލުހުންނާއި ސިފައިންގެ ތެރޭގައި ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އުޅެމުންދާ ކަމަށާއި މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަކުރަން ގޮސް ތިބި މީހުންގެ އަދަދު 200 އަށްވުރެ ގިނަ ކަމަށެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މާލީ ގޮތުން އެހީތެރިވަމުންދާ ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ޖަމާއަތްތަކަށް މާލީ ގޮތުން އެހީތެރިވަމުންދާކަމުގެ އެކަށީގެންވާ ހެކި އަދި ލިބިފައިނުވާ ކަމަށާއި އެފަދަ ހެއްކެއް ލިބިއްޖެނަމަ އެބަޔަކާއި މެދު ޝަރީއަތް ހިންގާ ދައުވާ އުފުލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ