އެމްޑީޕީން މިހާރުދަނީ ރާއްޖެ ފަސާދަ ކުރަމުން ކަމަށާއި އެކަމުގައި އެމްޑީޕީގެ އެއްވެސް ކުށެއްނެތް ރައްޔިތުން ބައިވެރި ނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވ.ކެޔޮދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ އެމްޑީޕީއަކީ މިއަދު ގައުމު ފަސާދަކޮށް ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ބައެއް ކަމަށާއި، ހަމައާ އުސޫލު ގަބޫލުކުރައްވާ ބޭފުޅުން އެފަދަ ޕާޓީއެއްގައި ނުތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމުދެކެ ލޯބިވާ ބަޔަކު ރައްޔިތުންނަށް ދެރަ އެއް ދޭން މަސައްކަތް ނުކުރައްވާނެ ކަމަށާއި އެހެންނަމަވެސް ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލުމުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަޝީދުގެ ވެރިކަމުގައި ގައުމަށާއި ރައްޔިތުންނަށް ނިކަމެތިކަމާއި ގެއްލުން ލިބޭ ގޮތަށް އަމަލު ކުރައްވާފައިވާތީ ދިވެހި ރައްޔިތުން ދުވަހަކުވެސް ނަޝީދަށް މައާފު ނުކުރާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް މިޤައުމުގެ ވެރިކަން ލިބިވަޑައިގަންނަވާނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށާއި، ނަޝީދު ގެއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަދި ޤައުމަށް ތަރައްގީއާ ކުރިއެރުން ގެނެސްދެވޭނީ ހަމަޖެހުމާއި އަމާންކަން ޤައުމުގައި އޮވެގެން ކަމަށާއި، ހުރިހާ ރައްޔިތުންވެސް އެގޮތަށް އަމަލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވ. އަތޮޅު ރައްޔިތުން އެދޭނަމަ އެއަތޮޅުގެ ބޮޑުމޮހޮރާ ފަޅު ހިއްކާ ވ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދިރިއުޅެވޭނެ ޒަމާނީ ފެންވަރުގެ ސިޓީއެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ގާސިމް ރޭ ވަނީ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ފެލިދެއަތޮޅުގެ ރައްޔިތުން ބޮޑުމޮހަރާއަށް ބަދަލުކުރައްވާނީ އެރަށުގެ ފަޅުހިއްކައި އެއާޕޯޓާއި، ސްކޫލާއި، ހޮސްޕިޓަލާއި، ގެތަކާއި އަދިވެސް އެހެން ވަސީލަތްތައް ގާއިމް ކުރުމަށްފަހު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑުމޮހޮރާ ފަޅު ހިއްކާ އެތަނުގައި ޒަމާނީ ހުރިހާ ވަސީލަތެއް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ގާއިމުކޮށް ނިމެނޭ ކަމަށާއި، ރައްޔިތުން އެތަނަށް ދިރިއުޅުން ބަދަލުކުރާއިރު އެތަނުގައި ހުރިހާ ކަމެއް ގާއިމުކޮށްދެވިފައި ހުންނާނެ ކަމަށެވެ.
އެމްޑީޕީން މިހާރުދަނީ ރާއްޖެ ފަސާދަ ކުރަމުން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ