ބިނާކުރަނިވި ސިޔާސީ މަސައްކަތްތަކެއް ޕީޕީއެމުން ފަށަން ޖެހޭ: މެމްބަރު އިކްރާމް

ޕީޕީއެމުން ޒުވާނުންނަށް ހެޔޮ އެދޭނަމަ ބިނާކުރަނިވި ސިޔާސީ މަސައްކަތްތަކެއް ކުރަން ފަށަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ޒުވާނުންގެ ބައިވެރިވުމާއެކު އިދިކޮކޮޅުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އިކްރާމް ވިދާޅުވީ ޕީޕީއެމުން ޒުވާނުންނަށް ހެޔޮ އެދޭނަމަ ދޮގު ހެދުމާއި އޮޅުވާލުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އަދި ބޭރު ގައުމެއްގެ ފަހަތުން ނައްޓާނުލެވިގެން އުޅޭ އުޅުން ދޫކޮށްލުމަށް ފަހު ބިނާ ކުރަނިވި ސިޔާސީ މަސައްކަތްތަކެއް ކުރަން ފަށަން ޖެހޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރުގެ ފާޑުކިޔުންތައް ޕީޕީއެމަށް އަމާޒުވިއިރު އިދިކޮޅުން ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރީތި ނަންކިޔައިގެން ކޮންމެ ބަޔަކަށްވެސް މެނިފެސްޓޯ އެކުލަވާލެވިދާނެ ކަމަށާއި ނަމަވެސް އިޚްލާސްތެރިކަން އޮތީ ކޮންބައެއްގެތޯ ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތްކުރަނީ ޒުވާނުންގެ ކަންބޮޑުތަކަށް ހައްލު ހޯދައިދެވޭގޮތަށް ކަމަށެވެ.
އެގޮތުން އެޕާޓީން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޒުވާނުންގެ ހުރި މައްސަލަތައް ބަލާ ހޯދުމުގެ މަސައްކަތް ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގެ މެނިފެސްޓޯ އެކެއްގައި އޮންނާނީ ޒުވާނުންގެ ވާހަކަ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ