ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ސީޝެލްސްއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ. މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖާ މަންސިއެންގެ ދައުވަތަކަށް ރައީސް ނަޝީދު އެގައުމަށް ފުރާވަޑައިގަންނަވާނީ މިއަދު ކަމަށެވެ. އަދި އެނބުރި ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެ ބަޔާނުގައިވެއެވެ. ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތުގައި، ދިވެހިރާއްޖެއާއި ސީޝެލްސްއަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމުކަމާއި ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިކުރުމާއި ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ