ޔޫރަޕުގެ އިއްތިހާދު އޮތީ އަޅުގަނޑުމެންނާއެކުކަން ސާބިތުކޮށްދީ: ޒެލެންސްކީ

ޔޫރަޕުގެ އިއްތިހާދު (އީޔޫ) އޮތީ ޔޫކްރޭނާއެކުކަން ސާބިތުކޮށްދިނުމަށް ޔޫކްރޭނުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އެދިލައްވައިފިއެވެ. ޒެލެންސްކީ މިފަދައިން ވިދާޅުވެފައިވަނީ ޔޫކްރޭނުން އީޔޫ އާ ގުޅުމުގެ މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އިއްޔެގެ ވަގުތެއްގައި ޔޫކްރޭނުން ވަނީ އީޔޫ އާ ގުޅުމަށް ލިޔެކިޔުންތައް ހުށަހަޅާފައެވެ. "އަހަރެމެން މި މަސައްކަތްކުރަނީ ޔޫރަޕުގެ ހަމަހަމަ މެމްބަރުންނަށްވުމަށް،" ޒެލެންސްކީ ވިދާޅުވިއެވެ. އީޔޫ ޕާލިމެންޓުގައި ޒެލެންސްކީ ތަގުރީރުކުރެއްވި ވަގުތު ބައެއް މެމްބަރުން ވަނީ، އެގައުމުތަކުގެ ތާއިދު ޔޫކްރޭނަށް އޮތްކަން އަންގައިދިނުމުގެ ގޮތުން ޔޫކްރޭންގެ ދިދަ ވިހުރުވައިފައެވެ. "އަޅުގަނޑުމެންނާއެކު އީޔޫ ވަރުގަދަވާނެ. އީޔޫ ނެތި އަޅުގަނޑުމެން ތިބޭނީ ގިނިކަންޏާ،" ޒެލެންސްކީ އިތުރަށް ވިދާޅުވިއެވެ. އީޔޫގެ މެމްބަރަކަށްވުމަށް ގިނަ އަހަރުތަކެއް ނަގައެވެ. އަދި އެކަމަށް އީޔޫގެ ހުރިހައި ގައުމަކުން އެއްބަސްވާން ޖެހޭނެއެވެ. އީޔޫ ޕާލިމެންޓުގެ ރައީސް ރޮބާޓާ މެޓްސޯލާ ވިދާޅުވީ، ޔޫރަޕުގެ މެސެޖު ވަރަށް ސާފުކަމަށާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ހަނގުރާމަ މެޝިނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށެވެ. ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމުގެ ސަބަބުން އީޔޫ އިން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އަޅާފައެވެ. މި ފިޔަވަޅުތަކުގައި އީޔޫގައި ނުހިމެނޭ ޔޫރަޕުގެ އެހެން ގައުމުތަކުންވެސް ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ